ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ރެއާލް ވަލަޑޮލައިޑް ކައިރިން މޮޅުވެއްޖެއެވެ.
ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ބާސާއިން ފަހަތުން އަރައި ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 34 މެޗުން 79 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ލީޑު ކުރަމުންދާ އިރު، ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 33 މެޗުން ހޯދިފައި ވަނީ 72 ޕޮއިންޓެވެ.
ލީގުގައި ބާކީ މަދު މެޗުތަކެއް އޮތް އިރު، ދެން ލީގުގައި ބާސާއިން ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެމެޗަކީ ދެ ޓީމަށްވެސް މުހިއްމުވާނެ މެޗެކެވެ. ބާސާއަށް ތަށި ޔަގީންކުރުމަށް މެޗު މުހިއްމުވާ އިރު، ރެއާލަށް އެއީ ލީގަށް އޮތް އުންމީދެވެ. އެމެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ލީގުގައި އެންމެފަހުން ކުޅުނު 15 މެޗުގައިވެސް ބަލިނުވެ އޮތް ބާސާ ވަނީ، އެ 15 މެޗުގެ ތެރެއިން 13 މެެޗުން މޮޅުވެފައެވެ.
ރޭގެ މެޗު ފަށައިގެން ހަވަނަ މިނެޓުގައި އިވާން ސަންޗޭޒް ޖެހި ގޯލުން ވަލަޑޮލައިޑް ލީޑު ނެގި އިރު، އެ ގޯލަކީ ކުޅުންތެރިއެއް ގައިގައި ޖެހި ވަން ގޯލެކެވެ. އަނިޔާގައި ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ހުރުމަށްފަހު ބާސާގެ ގޯލަށް ނުކުމެހުރި، މާކް އަންދްރޭ ޓާ ސްޓެގެންއަށް އެ ބޯޅަ މަތަކުރަން ކުރެވޭނެ މަސައްކަތެއް ނެތެވެ.
ކޮޅަށް ގޯލެއް ވަން ނަމަވެސް، ފުރަތަމަ ހާފުގެ ބާކީ ބައިވެސް ޑޮމިނޭޓް ކުރީ ބާސާއިންނެވެ. ނަތީޖާއެއްގެ ގޮތުން، ދެވަނަ ހާފުގެ ކުރީކޮޅުގައި ބާސާ އެއްވަރު ކުރިއެވެ. ރަފީނިއާ ލީގުގައި ޖެހި 16 ވަނަ ގޯލާއެކު ބާސާ އެއްވަރު ކުރި އިރު، އޭގެ އިރުކޮޅެއް ފަހުން ފާމިން ލޮޕޭޒް ވަނީ ބާސާ މޮޅުކޮށްދީފައެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 އަށް ލެމީން ޔަމާލް ނުނުކުންނަ ނަމަވެސް، ފުރަތަމަ ހާފުގައި ޑެނީ ރޮޑްރިގޭޒަށް އަނިޔާވެ، އޭނާ ކުޅުމަށް ނުކުމެފައިވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ޔަމާލްގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، އިތުރު ހަމަލާތަކާއެކުވެސް ބާސާއަށް ލީޑު ފުޅާ ކުރެވޭނެ ގޮތެއް ނުވިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ