ރިޔާސީ އިންތިހާބު އެއްބުރުން ނިމޭގޮތަށް ބަދަލުކުރުމާއެކު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ މި އަހަރުގެ ތެރޭގައި ގާނޫނުތަކަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އިސްލާހުތައް ހުށަހަޅައިގެން ސަރުކާރުން ގެންނަ ބަދަލުތައް:

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން
  • ރިޔާސީ އިންތިހާބު ދެވުނު ބުރު ނޯންނަ ގޮތަށް ބޭއްވުން
  • ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރުކަމަށް ކަނޑައެޅުން
  • މަޖިލީހުގެ މެންބަރުން 93 ގައި ހިފެހެއްޓުމަށް އިސްލާހެއް
  • އަތޮޅު ކައުންސިލްތައް އުވާލުން
  • ކޮންމެ ކައުންސިލެއްގެ ރައީސް ސީދާ ވޯޓުން ހޮވުން
  • ސިޔާސީ މަގާމުތަަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރެވޭ މިންވަރު ކަނޑައެޅުން
  • ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅައި ގޮތަށް ހެދުން
  • ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަންޖެހޭ ގޮތް ހެދުން
  • 2000 މީހުންނަށްވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން އަދި 2000 އަށްވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން
  • 2000 މީހުންނަށްވުރެ މަދު އާބާދީއެއްގައިނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ތިން މެންބަރުން އަދި 2000 އަށްވުރެ އާބާދީ ގިނަ ނަމަ ފަސް މެންބަރުން ތިބޭ ގޮތަށް ކަނޑައެޅުން
  • ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ކަނޑައެޅުން
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއްކަމުގައި ކަނޑައެޅުން
  • ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކުރެވޭ އިންސައްތަ 33 އިންސައްތައިން 40 އިންސައްތަ އަށް ބަދަލުކުރުން
  • ބްލޮކް ގުރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ޒިންމާތައް އަދާކުރުމަށް އެކަނިކަން ކަށަވަރުކުރުމުގެ އިހުތިޔާރާއި ބާރު ފިނޭންސް މިނިސްޓަރަށް ދިނުން
  • އެކެއް ނޮވެންބަރުން ފެށިގެން ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުން

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ގޮތުން 43 ބިލެއް އެކުލަވާލައިފައި ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން 40 ބިލެއް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޅާފައިވާ ކަމަށާއި މަޖިލީހުން ވަނީ އޭގެ ތެރެއިން 31 ބިލެއް ފާސްކޮށްފައި ކަމަށެވެ.