އިސްލާމިކް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓްގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރި ދުވަހުގެ ފޮޓޯއަކާ އެކު، ޝަހީމް ބުދަ ދުވަހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތްކުރި އަދާލަތު ޕާޓީއާ ‎އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށެވެ.

ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އަދާލަތު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން އެ ޕާޓީގެ ރައީސް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާ ހުރެ، ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވައި ހާލިސްކަމާއެކު ޝަހީމް، އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

އިމްރާނަށް ރައްދު ދެއްވައި އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތުގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރަން ނުޖެހޭނެ ކަމަށާއި އެ ޕާޓީގެ މެންބަރެއް މަގާމެއްގައި ހުންނަން ދުސްތޫރު މަނާ ނުކުރާ ކަމަށެވެ.

"އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އަޅުގަނޑު އިންތިހާބުކުރައްވައިފި ނަމަ، ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިއަށްދާނަން އިންޝާﷲ،" މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރި އަދާލަތު ޕާޓީ މިހާރު އޮތީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރަން ނިންމައިފައެވެ.

މީގެ ކުރިން އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު، ޝަހީމް ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެފަހުން ޕީޕީއެމް އުވާލާފައިވާ އިރު އެ ޕާޓީއަކު ކޯލިޝަންގައި އޮތް މިހާރު ޕީއެންސީއާ ޝަހީމް ގުޅިވަޑައިގެންފައެއް ނުވެއެވެ.