ޔޫއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި، ޗެލްސީން ކުޅުނު މެޗުގައި ރަށުން ބޭރުގައި ސްވިޑެންގެ ޖުރްގާޑެން ކައިރިން މޮޅުވެއްޖެއެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށްވެސް ވާދަކުރަމުން އަންނަ ޗެލްސީން ކޮންފަރެންސް ލީގު ފައިނަލާ ގާތަށް ޖެހިލީ ރޭ ކުޅުނު ފުރަތަމަ ލެގު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިހާތަނަށް ކޮންފަރެންސް ލީގުގައި ޗެލްސީއަށް މާ ބޮޑު ޗެލެންޖަކާ ކުރިމަތިވެފައި ނުވާ އިރު، އެޓީމުން ރޭގެ މެޗުވެސް ފެށީ ވަރުގަދަކޮށެވެ. ޖޭޑަން ސަންޗޯއާއި ނޮނީ މަޑުއޭކޭގެ ގޯލުތަކުން ފުރަތަމަ ހާފުގައި ޗެލްސީން ދެ ގޯލުގެ ލީޑެއް ނަގާފައިވާ އިރު، މެޗުގައި ދެ ގޯލު ޖެހި ނިކޮލަސް ޖެކްސަން ކުޅުމަށް ނުކުތީ ދެވަނަ ހާފަށެވެ.
ޔޫރަޕްގެ އެންމެ އަގުބޮޑު އެއް ސްކޮޑު އޮތް ޗެލްސީ ހިފަހައްޓަން ޖުރްގާޑެންއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިވި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެކްސަން ވަނީ ދެ ގޯލު ޖަހައި މެޗު ޔަގީން ކޮށްފައެވެ.
ޖުރްގާޑެންއިން ޖެހި ހަމައެކަނި ގޯލު، މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން އެންމެ 18 އަހަރުގެ އިސާކް އަލެމަޔެހޫއެވެ.
ޗެލްސީން ކޮންފަރެންސް ލީގު ނެގުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެޓީމުން އެ މުބާރާތް ކާމިޔާބުކޮށްފިނަމަ އެއީ ޔޫރަޕްގެ ރެކޯޑަކަށް ވާނެއެވެ. އެއިރުން ޗެލްސީ ވަނީ ޔޫރަޕްގެ ތިން ފަންތީގެ ތިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މީގެ ކުރިން ޗެލްސީ ވަނީ ދެފަހަރު ޗެމްޕިއަންސް ލީގު އަދި އެއް ފަހަރު ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު