ގައުމީ ވޮލީބޯޅަ މުބާރާތް، ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ލީގު ބުރު ނިމުނު އިރު، އެއްވަނަ ޓީމުގެ ގޮތުގައި ކްލަބު ވެމްކޯ ފައިނަލުން ޖާގަ ހޯދި އިރު، ޕޮލިސް ކްލަބާއި ހުރާ ސީސީ ސެމީ ފައިނަލުގައި ވާދަކުރަން ތައްޔާރުވެއްޖެއެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ޗެމްޕިއަން ޕޮލިސް ކްލަބާއި ވެމްކޯގެ އިތުރުން ހުރާ ސީސީ އަދި ފްލެކްސާ ސްޕޯޓްސް ކްލަބެވެ.

ވެމްކޯއިން ސީދާ ފައިނަލުގެ ޖާގަ ހޯދީ ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ޕޮލިސް ކްލަބު ކައިރިން 3-2 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެމެޗުގައި ޕޮލިހުން ފުރަތަމަ ދެ ސެޓު 25-20 އަދި 25-23 އިން ގެންގޮސްފައި އޮއްވައި، ވެމްކޯއިން ވަނީ ދެ ކުޅުނު ސެޓުތައް 25-15، 25-23 އަދި 15-10 އިން ގެންގޮސްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ޕަޓީޔާ ޖުއާންޖާނެވެ.

ޕޮލިހުން ދެވަނައިގައި ލީގު ބުރު ނިންމާލި އިރު، ހުރައިން ތިންވަނަ ޔަގީންކުރީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ފްލެކްސާ ސްޕޯޓްސް ކްލަބު ކައިރިން ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އެމެޗުގެ ސެޓުތައް ހުރައިން ގެންދިޔައީ 25-19، 25-10 އަދި 25-13 އިންނެވެ.

އެމެޗުގެ މޮޅު ކުޅުންތެރިޔަކީ ހުރާގެ ވެރޮނިކާ ޒުބަރޭވާއެވެ.

ޕޮލިހާއި ހުރާ ވާދަކުރާ ސެމީ ފައިނަލް މެޗު މިމަހުގެ ތިންވަނަ ދުވަހުގެ ރޭ 8:30 ގައޮ އޮންނަ އިރު، ފައިނަލް މެޗު އޮންނާނީ ހަތަރުވަނަ ދުވަހުގެ ރޭ 8:30 ގައެވެ.