ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި އިންޓަ މިލާނާ އެއްވަރު ވެއްޖެއެވެ.
ރޭ ކުޅުނު މެޗު 3-3 އިން އެއްވަރުވެފައިވާ އިރު، ބާސާއަށް މެޗުގައި ޖެހިނީ އަބަދުވެސް ފަހަތުން އަރައި އެއްވަރުކުރާށެވެ. އިންޓައިން ސެޓް ޕީސްތަކުގައި ތަފާތު ދެއްކި މެޗުގައި ބާސާއަށް އިތުރު ހިތްވަރެއް ކުރަން ޖެހިފައިވާ އިރު، ބާސާއަށް މޮޅަށް ކުޅެ ހިތްވަރު ހޯދައިދިނީ އުމުރުން އެންމެ 17 އަހަރުގެ ލެމީން ޔަމާލެވެ.
މެޗުގެ އެންމެ 30 ސިކުންތު ހިނގިތަނާ އިންޓައިން ގޯލު ޖަހައި ލީޑު ނެގިއެވެ. ޑެންޒިލް ޑަމްފްރީސްގެ ނަގައިދިން ހުރަސް ބެކް ހީލްއަކުން ގޯލަށް ވައްދާލީ މާކަސް ތުރާމެވެ.
އޭގެފަހުންވެސް ބާސާއިން މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި، އެޓީމުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދަނިކޮށް، 20 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި އިންޓައަށް ލީޑު ފުޅާކޮށްދިނީ ޑަމްފްރީސްއެވެ. އެއީ އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައެއް، ވެއްޓިގަނެފައި ގޯލު ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.
އެހިސާބުން އިންޓަ ކޮޅަށް މެޗު އެނބުރުނު ކަމަށް ބަލައިގެން ތިއްބާ، އިންޓަގެ ދެވަނަ ގޯލަށް ހަތަރު މިނެޓް ހިނގިތަނާ ޔަމާލްގެ ޗަރުކޭހާއެކު ބާސާއިން އުންމީދީ ގޯލެއް ޖެހިއެވެ. ދެ ކުޅުންތެރިން ނައްޓާލާފައި ގޮސް އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ދަނޑީގައި ޖައްސާފައެވެ.
އެ ގޯލަށްފަހު ޔަމާލްގެ އިތުރު ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ފެރާން ޓޮރެސްގެ ގޯލާއެކު ބާސާއިން އެއްވަރުކުރީ ހާފު ނިމެން ދަނިކޮށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ބާސާއިން ކޮންޓްރޯލްގައި ކުޅެމުން ދަނިކޮށް، ކައުންޓާގައި ޑަމްފްރީސް ވަނީ އިތުރު ގޯލެއް ޖަހައި އަނެއްކާވެސް އިންޓައަށް އެއްވަރުކޮށްދީފައެވެ.
އެ ގޯލާއެކުވެސް ބާސާއިން ގޮތް ދޫނުކޮށް، ކުރިއަށް ޖެހި، އޭގެ ދެމިނެޓް ފަހުން އަނެއްކާވެސް ބާސާ އެއްވަރުކުރިއެވެ. އެ ގޯލަކީ އޭރިއާ ބޭރުން ރަފީނިއާ ފޮނުވާލި ބޯޅައެއް، ގޯލުގެ ދަނޑީގައި ޖެހިފައި ޔާން ސޮމާ ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
އިންޓަ ދަނޑުގައި ދެޓީމުން ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މޭ މަހުގެ ހަތްވަނަ ދުވަހުގެ ރޭގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު