ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލަން ރާވައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ދައުލަތުން ތުހުމަތުކުރާ ހަސަން ފަވާޒަކީ ތެލެސީމިއާ ޕޭޝަންޓެއް ކަމަށާއި އޭނާއަށް ބޭނުންވާ ލޭ ނޭޅި ބައެއް ފަހަރު ގިނަ ދުވަސްތަކެއްވާ ކަމަށް އޭނާގެ ފަރާތުން ބުނެފިއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މަރާލާފައި އޮއްވައި ފެނުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭގެ ކޮޓަރީގެ ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ގިނަ އަދި ފުން ޒަހަމްތަކެއް ހުއްޓެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ރަށު ތިން މީހެއްގެ މައްޗަށެވެ. އަހުޒަމް އަބްދުއްޝުކޫރު އާއި ރިފާސް އަބޫބަކުރުގެ އިތުރުން ފަވާޒަށެވެ. އެ ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ރިފާސް ވަނީ ނައީމާ މަރާލި ކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގަށް ކިޔައިދީފައެވެ. ރިފާސް ދިން ބަޔާންތަކުގެ އެހީގައި ފުލުހުން ވަނީ މި މަރުގެ މައްސަލައާ ގުޅުންހުރި މުހިންމު ހެކިތަކެއް ވެސް ހޯދައިފައެވެ. އެ ހެކިތަކުގެ ތެރޭގައި ނައީމާ މަރާލުމަށް ބޭނުން ކުރި ދެ ވަޅިއެއް ފުލުހުން ހޯދިއެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު (ޕީޕީއީ ކިޓް) އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދިއެވެ. އަންނައުނު ހޯދީ ވަޅުގަނޑު ކޮނެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. ފަހުން ޝަރީއަތުގެ މަރުހަލާގައި ރިފާސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ފަވާޒްގެ ބޭސް ފަރުވާގެ ކަންކަން ލަސްވާތީ އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމުގައި ފަވާޒުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ފަވާޒް ބޭސް ފަރުވާގެ ކަންކަން ލަސްވާތީ އެކަން އެގޮތަށް ދިމާވާ ސަބަބު ދެނެގަންނަން ބޭނުންވާ ކަމަށެވެ. ޔާމީން ވިދާޅުވީ އޭނާގެ މުވައްކިލަކީ ތެލެސީމީއާ ޕޭޝަނެއް ކަަމަށާއި ބައެއް ފަހަރު ލޭ ނުލިބި 12 ދުވަސްވެސް ވާކަމަށް މުވައްކިލުގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޑެސްޕްރޯލް ނުގުޅި ލަސްވާކަމުގެ ޝަކުވާއާއި ޑެސްޕްރޯލް ގުޅައިފައި ހުރި ނަމަވެސް ޖަލަކީ ހޫނުތަނަކަށްވުމުން މަލަންގަނޑު ނައްޓައިގެންދާކަން ފަވާޒު މައުލޫމާތު ދީފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ފަވާޒުގެ އެޗްޕީ ދަށްވުމުގެ ސަބަބުން ބަނޑަށް ތަދުވެ، ފައި ދުޅަވުން ފަދަ ކަންކަން ދިމާވަމުންދާ ކަމަށެވެ. ބައެއް ފަހަރު ލޭ ލިބޭނެ ދުވަހެއް ނޭނގިގެން ފަވާޒު އުޅެން ޖެހޭ ކަމަށާއި ފަވާޒަކީ ތެލޭސިމިއާ ޕޭޝަންޓަކަށްވުމުން ހާނިޔާ އޮޕަރޭޝަނެއްވެސް ކުރަންޖެހޭ ކަމަށެވެ. ފަވާޒުގެ ޔޫރިން ޓެސްޓަކާ އިތުރު ބައެއް ޓެސްޓުތައް ހެދުން ލަސްވަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ.

ފަވާޒު ބަންދުކޮށްފައި ހުންނަ ހުޅުމާލޭ ޖަލުގެ މެޑިކަލް ކަންތަކާ ހަވާލުވެ ހުންނެވި އޮފިސަރު އަހުމަދު އައްފާން ވިދާޅުވީ ފަވާޒުގެ ފަރާތުން ފަރުވާ ލަސްވާކަމުގެ ނުވަތަ މަލަންގަނޑު ނެއްޓޭކަމުގެ ޝަކުވާ ލިބިފައިނުވާ ކަމަށެވެ. އައްފާން ވިދާޅުވީ ބައެއް ފަހަރު ލޭ އެޅުން ލަސްވަނީ ލޭ ނުލިބިގެން ކަަމަށާއި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ލޭ ހޯދަނީ ޕަބްލިކް ގްރޫޕުތަކުގައި ލޭ ބޭނުންވާ ކަމަށް އިއުލާންކޮށްގެން ކަމަށެވެ. އައްފާން ވިދާޅުވީ ފަވާޒަށް ލޭ ނޭޅި ފަސް ދުވަހަށް ލަސްވި ކަމަށާއި ރޯދަމަހު ހަތް ދުވަހަށް ލަސްވި ކަމަށެވެ.

އަދި ފަވާޒުގެ ފަރާތުން އެޗްޕީ ދަށްވެގެންވެސް ޝަކުވާ ލިބިފައިނުވާ ކަމަށާއި އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ މެޑިކަލް އޮފިސަރަށް ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް އައްފާން ވިދާޅުވިއެވެ. ފަވާޒަށް ބޭނުންވާ ލޭ ނުލިބި މާބޮޑަށް ލަސްވާނަމަ އަނގަބަހުން އެކަން އޭނާއަށް އަންގާ ކަމަށާއި ލޭ ނުލިބި ދެ ދުވަސްވާނަމަ އެކަން އާއިލާއަށްވެސް އަންގާކަމަށް އައްފާން ވިދާޅުވިއެވެ.

ހުޅުމާލޭ ޖަލުގައި މިވަގުތު ލޭ އަޅާ މީހަކަށް ހަމައެކަނި ހުރީ ފަވާޒު ކަމަށް އައްފާން ވިދާޅުވިއެވެ. ތެލޭސީމިއާ މީހުންނަކީ ސިއްހީ ގޮތުން ނުރައްކާތެރި ހާލަތުގައި ތިބޭ ބައެެއްކަން ފާހަގަކުރައްވައި އައްފާން ވިދާޅުވީ ލޭ ނުލިބިގެން އުޅޭއިރު ބައެއްފަހަރު ތެލެސީމިއާ ސެންޓަރުންވެސް ލޭ އަޅައިދޭ ކަމަަށެވެ.

އައްފާން ވިދާޅުވީ ފަވާޒުގެ އެމްއާރްއައިއާރްޓޫ ސްކޭނެއް ރާއްޖެއިން ބޭރުން ހަދަން ޑޮކްޓަރު ލަފާދިން ކަމަށެވެ. ނަމަވެސް ބަންދުގައި ހުންނަ މީހަކު ރާއްޖެއިން ބޭރަށް ފޮނުވޭނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ހުއްދި ދިނުމުން ކަމަށާއި އެ ބޯޑުން ނިންމީ އައިޖީއެމްއެެޗް މެދުވެރިކޮށް އެ ސްކޭން ހެދުމަށް ކަމަށެވެ. އައިޖީއެމްއެެޗުން ބުނީ ހުޅުުމާލެ ހޮސްޕިޓަލުން އެ ސްކޭން ހެދެން ހުންނާނެ ކަމަށާއި ކަރެކްޝަނުން މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލް މެދުވެރިކޮށް އެ ސްކޭން ހެދުމުގެ މަސައްކަތް ކުރަމުން ކަަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން 2024 ސެޕްޓެމްބަރު 23 ވަނަ ދުވަހު މައުލޫމާތު ދީފައިވާ ގޮތުގައި ފަވާޒުގެ އެ ސްކޭން މިއަހަރުގެ ތެެރޭގައި ހެދޭނެ ކަމަށާއި އޭނާ އޮތީ ކިޔު ނަންބަރުގެ ހަތްވަނައިގައި ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ހަދަނީ ހަފުތާއަކު އެފަދަ އެއް ސްކޭން ކަމަށާއި އަދި އޭގެ ނަތީޖާވެސް ލިބެނީ ލަހުން ކަމަށެވެ. ފަވާޒުގެ އެމްއާރްއައިއާރްޓޫ ސްކޭނެއް ހަދަނީ އޭނާއަކީ ތެލެސީމިއާ ޕޭޝަންޓަކަށްވުމުން ހަށިގަނޑުގައި ދަގަނޑުގެ ބައި ގިނަވެ، ގުނަވަނަކަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ކަމަށް އައްފާން ވިދާޅުވިއެވެ.

ފަވާޒު ކުރަންޖެހޭ ހާނިޔާ އޮޕަރޭޝަނާ ގުޅިގެން 2024 މެއި ތިނެއްގައި އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކަން އެންގި ކަމަށާއި ނަމަވެސް އެެކަން ލަސްވީ ކަރެކްޝަންސްގެ އިދާރީ ސަބަބުތަކާ ގުޅިގެން ކަމަށް އައްފާން ވިދާޅުވިއެވެ.

އައްފާންގެ ވާހަކަތަކާ ގުޅިގެން ޔާމީން ވިދާޅުވީ ބޭސްފަރުވާ ލިބެމުންދާކަން ފަވާޒުގެ ފަރާތުންވެސް ފާހަގަކުރާ ކަމަށާއި ނަމަވެސް މައްސަލައަކީ ބޭސް ފަރުވާގެ ކަންކަން ހަމަޖެހުން ލަސްވުން ކަމަށެވެ. ޔާމީން ވިދާޅުވީ ބޭސް ފަރުވާގެ ކަންކަން ލަސްވާ މައްސަލަ ޝަރީއަތުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ފަވާޒަކީ ތެލެސީމިއާ ބަލި މީހަކަށްވުމުން އިލާހީ މަރަކުން ނޫން ގޮތަކަށް އޭނާ މަރުވެދާނެކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

ދައުލަތުން ވިދާޅުވީ އެކަމުގައި ފާހަގަކުރާނެ ވަކިކަމެއް ނެތް ކަަމަށާއި ފަވާޒުގެ ބޭސް ފަރުވާގެ ކަންކަން ކަރެކްޝަނުން ދައުލަތަށް އަންގަމުންދާ ކަމަށެވެ. ދައުލަތުން ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ފަވާޒުގެ ބޭސް ފަރުވާގެ ކަންކަން ބެލެހެއްޓުމަށް ކަރެކްޝަނަށް އަންގައިފައި ކަމަށާއި ސަބަބަކީ މައްސަލައިގެ ބާވަތުން އޭނާ ބަންދުން ދޫކުރެވެން ނެތުންކަމަށް ދައުލަތުން ވިދާޅުވިއެވެ.

ހުރިހާ ފަރާތަކުން ވާހަކަދައްކަވައި ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ތެލެސީމިއާ ބަލި މީހުންނަކީ ވަރަށް ހާއްސަ ބައެއް ކަމަށާއި ފަވާޒަށް ބޭނުންވާ ލޭ އެޅުމުގެ ކަންކަން މިހާރު މަތިވެފައިވަނީ ކަރެކްޝަނަށް ކަމަށެވެ. ހުޅުމާލޭ ޖަލުގައި މިވަގުތު ލޭ އަޅާ މީހަކަށް ހުރީ ހަމައެކަނި ފަވާޒުކަން ކަރެކްޝަނުން ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން މިއީ އާންމު ހާލަތާ ހިލާފު، އަދި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެއްކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަވާޒުގެ ކަންކަން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދަންވާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ ފަވާޒަށް ލޭ ނުލިބިއްޖެނަމަ ދެން ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ޑޮކްޓަރެއްގެ ލަފާގެ މަތިން ނިންމައިފައި އޮންނަން ޖެހޭނެ ކަމަށެވެ. މިފަދަ މައްސަލަތަކުގައި ބަންދުގައި ހުންނަ މީހުން ބަންދުން ދޫނުކުރެވޭނެ ކަމަށާއި އެހެންވުމުން ހުރިހާ ފަރާތަކުން ގުޅިގެން ފަވާޒުގެ ކަންކަން ބަލަހައްޓަންވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު ގާޒީ ވަނީ ފަވާޒުގެ ބަލި ހާލަތާ ގުޅޭ ކަންކަން ކޮންމެ ދުވަހަކު ބެލުމަށް ޝަރީއަތުން އަންގާ އެންގުމެއްގެ ގޮތުގައި އަންގައިފައެވެ.