ގައުމީ ވޮލީބޯޅަ މުބާރާތް، ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގައި ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުން އިއްޔެ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ޗެމްޕިއަން ޕޮލިސް ކްލަބާއި ވެމްކޯގެ އިތުރުން ހުރާ ސީސީ އަދި ފްލެކްސާ ސްޕޯޓްސް ކްލަބެވެ. އެ ހަތަރު ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެއްވަނަ ޓީމު ސީދާ ފައިނަލަށް ދާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗު ކާމިޔާބު ކުރާ ޓީމެވެ.

ގައުމީ މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ވެމްކޯ ނުކުތީ ފްލެކްސާއާ ދެކޮޅަށެވެ. އެމެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެމްކޯއެވެ. ވެމްކޯއިން ސެޓުތައް ގެންދިޔައީ 25-22، 25-17 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ޕަޓިޔާ ޖުއާންޖާންއެވެ.

ރޭ ޕޮލިސް ކްލަބުން ހުރާ ކައިރިން މޮޅުވީވެސް ސީދާ ތިން ސެޓުންނެވެ. އެއީ 25-22، 25-22 އަދި 25-16 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބުގެ ގްރަޒީލޭ ރިބޭރިއޯ ޑި ސޯޒާއެވެ.

ގައުމީ މުބާރާތުގެ މެޗުތައް މިއަދާއި މިރޭވެސް އޮންނާނެއެވެ. މިއަދު ހަވީރު ޕޮލިހުން ފްލެކްސާއާ ދެކޮޅަށް ނުކުންނަ އިރު، މިރޭ ވެމްކޯ ނުކުންނާނީ ހުރައާ ދެކޮޅަށެވެ.