ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޕީއެސްޖީން ރަށުން ބޭރުގައި އާސެނަލް ބަލިކޮށްފިއެވެ.

ރޭ އާސެނަލްގެ އެމިރެޓްސް ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ފައިނަލަށް ދާން ބޭނުންވާނަމަ، އާސެނަލަށް ޖެހޭނީ ދެވަނަ ލެގުގައި ނަތީޖާ އަނބުރާލާށެވެ.

ރެއާލް މެޑްރިޑް ބަލިކޮށް ސެމީއަށް ނުކުތް އާސެނަލަށް ރޭގެ މެޗުގެ ފެށުން ދިޔައީ އުނދަގޫ ކޮށެވެ. ޕީއެސްޖީން ވަރުގަދަކޮށް މެޗު ފަށައި ޑޮމިނޭޓް ކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ހަތަރުވަނަ މިނެޓުގައި ލީޑު ނެގިއެވެ.

އެ ގޯލަކީ ކަވީޗާ ކަވަރަޓްސްޝޭލިއާ ނަގައިދިން ބޯޅައެއްގައި އުސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ.

އޭގެ އިރުކޮޅެއްފަހުން ވެސް ޑިސައިރޭ ޑޫއޭގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، އޭނާގެ ހަމަލާ މަތަކުރީ އާސެނަލްގެ ކީޕަޑު ޑޭވިޑް ރާޔާއެވެ.

ހާފުގެ ފަހުކޮޅުގައި އާސެނަލުން ނުރައްކާ ކުރަން ފަށާފައިވާ އިރު، އެޓީމަށް އެންމެ ބޮޑު ހުރަހަކަށްވީ ޖިއާންލުއީޖީ ޑޮނަރޫމާއެވެ. ލިވަޕޫލާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު ނޮކްއައުޓް މެޗުތަކުގައި ވެސް ތަފާތު ދެއްކި ޑޮނަރޫމާ ވަނީ ގެބްރިއަލް މާޓިނެލީ އާއި ލެއާންޑްރޯ ޓްރޮސާޑްގެ ހަމަލާތައް މަތަކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ، ޕީއެސްޖީން އިތުރު ހަމަލާތައް އުފެއްދި ނަމަވެސް ލީޑު އިތުރަށް ފުޅާ ކުރެވޭނެ ގޮތެއް ނުވިއެވެ. ބްރެޑްލީ ބާކޯލާއާއޮ ގޮންސާލޯ ރާމޯސްގެ ހަމަލާތައް އަމާޒުވީ ދަނޑިއަށެވެ.

ޕީއެސްޖީއާ އާއި އާސެނަލް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭގައެވެ.