މާލޭގެ ގެއެެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގައި މ. އަލުވިމާގެއާގޭ މުހައްމަދު ހިސާމް 40އ މަރުވެފައި އޮއްވައި ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ 16:40 ހާއިރު ކަމަށެވެ. ނަަަމަވެސް އޭނާ މަރުވި ސަބަބެއް ސާފެއް ނޫނެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާކޮށް ނިންމަން ޖެހޭ ނިންމުންތަކަށްފަހު އިއްޔެ ހަށިގަނޑު މޯޗަރީން ނެރުުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން އާއިލާއަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ހިސާމްގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ މިއަދު ކަމަށް އާއިލާއިން ބުނެފައިވާތީ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހިސާމްގެ ހަށިގަނޑު ހަވާލުކުރުން ލަސްވާތީ އާއިލާއިން ވަނީ އެތައް ފަހަރަކު ފުލުހަށްވެސް ގޮސްފައެވެ.