މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 26 ގައެވެ.
ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. ފުލުހުން މި މަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުން ޝަމްއާން، 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. އެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކެއް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތުމުންނެވެ.
ޝަމްއާންގެ ފަރާތުން ވަނީ އެ ދެ އަމުރު ވެސް އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގައި ޝަމްއާންގެ ފަރާތުން ވިދާޅުވެފައިވަނީ ފުލުހުންނަށް އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގު ނުކުރެވޭނެ ކަމަށެވެ. ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ އިހުތިސޯސް ލިބިގެންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. ނަމަވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީ އާއި ފުލުހުންނަށް މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ފުލުހުން އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގުކޮށްފިނަމަ އެ ތަހުގީގެއް ބާތިލުވާނެ ކަމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅައިފައިވާ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަދު ވަނީ މައްސަލައަށް ހުކުމްކޮށްފައެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއު (ރިޔާސަތު) ހުކުމުގެ ރައުޔުގައި ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ނަމަވެސް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް އެކަނި ތަހުގީގު ކުރެވޭނެ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު ނުބަލައި މަނީ ލޯންޑަރިންގެ ތުހުމުތު ނުބެލޭނެ ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރާ ކަންކަމުގައި ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޮތަސް އެ މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަން ޖެހޭނީ ވަކި މުއްދަތެއްގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ ފުލުހުންނަށް އެކަނި މަނީ ލޯންޑަރިންގެ ތުހުމަތު ތަހުގީގު ކުރެވޭނެ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު އުފަންވި އިރު ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުހެދުމަކީ ތަހުގީގު ބާތިލުވާނެ ސަބަބުތަކެއް ނޫން ކަމަށް ރައުޔުގައި ފަނޑިޔާރު ވިދާޅުވިއެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ދަށު ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭނެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު