ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައިން ހުއްޓާލަން ބޭނުން ނުވާ ކަމަށާއި އެއީ އާސެނަލް މިހާރު ގެންގުޅޭނެ ވިސްނުމެއް ނޫން ކަމަށް މިކޭލް އާޓެޓާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލުން މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަނީ ކުއާޓާ ފައިނަލް ދެ ލެގުގައި ރެއާލް މެޑްރިޑް ބަލިކޮށްފައެވެ. އާސެނަލުން މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ ބަލިވެސް ކޮށްފައިވެއެވެ. އެއާއެކު، މިރޭގެ މެޗަށް ނުކުންނަ އިރު، ފެވަރިޓުންނަކީ އާސެނަލް ކަމަށް ބުނެވިދާނެއެވެ.
ލީގުގެ ދެވަނައާ އެކު އާސެނަލް ކޮންމެ ވެސް ވަރަކަށް މާޔޫސްވެފައި އޮތް ނަމަވެސް، އާޓެޓާ ބުނީ ލިޔަމުންދާ ތާރީހީ ސަފުހާތަށް ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.
"އަހަރެމެންނަށް މި ސީޒަނުގައި ދިމާވި ވަރަށް ގިނަ، ވަރަށް އުނދަގޫ ޗެލެންޖްތަކެއް ކަނޑައްތުކޮށް މިހާ ހިސާބަށް މި އާދެވުނީ. އަހަރެމެން ޔޫރަޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުން ދައްކައިދިނީ ޓީމުގެ ވިސްނުން ތަފާތު ވެއްޖެކަން. މިހާރު މި ލިޔަމުންދާ ތާރީހު، ސެމީއާ ހަމައިން ހުއްޓައެއް ނުލާނަން. އެގޮތް ބޭނުމެއް ނުވާ،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ބޮޑެތި ކްލަބުތަކާ ދެކޮޅަށް ކުޅޭ އިރު، ޓީމުގެ ރޫހު ފެންނަނީ ތަފާތުކޮށް ކަމަށާއި އެއީ ޓީމަށް އޮތް ބޮޑު އިތުބާރެއް ކަމަށެވެ.
މިރޭގެ މެޗަށް ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ނުކުންނާނީ ތޯމަސް ޕާޓޭ އާއި ރިކާޑޯ ކަލަފިއޯރީއާ ނުލައެވެ. ޕާޓޭ ސަސްޕެންޝަނުގައި ހުރި އިރު، ކަލަފިއޯރީއަށް ވަނީ އަނިޔާވެފައެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް