ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިޔާއާ ނުލައި، ދިވެހި ފުޓުބޯޅަ ފުރިހަމަ ނުވާނެ ކަމަށް ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން އެހެން ވިދާޅުވީ އިއްޔެ ނިއުގެ ސީޒަން ސްކޮޑު އިއުލާނު ކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިންނެވެ.
އެ އިވެންޓްގައި މުބީން ވިދާޅުވީ ނިއު ރޭޑިއަންޓް ނަގާ ކޮޅަށް ޖެހުމަށް ސަޕޯޓަރުންނާ އެކު ބުރަކޮށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެ މަސައްކަތް މި އަހަރާ ހަމައިން ހުއްޓާނުލާނެ ކަމަށެވެ. އޭގެ އިތުރުން މުބީން ވިދާޅުވީ ނިއުއަކީ ދުނިޔޭގެ ނިސްބަތުންވެސް ސަޕޯޓަރުން ގިނަ ކްލަބެއް ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީއަށް ބަލައި، އަތޮޅު ތެރޭގެވެސް ކޮންމެ ރަށެއްގައި 45 ޕަސެންޓެއްހާ ކުޅިވަރަށް ލޯބިކުރާ މީހުންނަކީ ނިއުގެ ސަޕޯޓަރުން ކަމަށްވެސް މުބީން ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ތާރީހުތައް އޮތް ކްލަބުތައް ކަމަށްވާ ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާއަށްވެސް ފައިސާގެ ބޮޑެތި މައްސަލަތަކެއް ދިމާވެ، އެ ކަންކަމުން އަދިވެސް އެއްކޮށް އަރައި ނުގަނެވިގެން އުޅޭ އިރު، މިވަގުތު ވިކްޓަރީ އާއި ނިއުއިން ވަނީ ދަރަނި އަދާކޮށްފައެވެ.
އެ ކްލަބުތަކުގެ ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ އެ ކްލަބުތަކަކީ ފުޓުބޯޅައިގެ ފޯރިއަށް މުހިއްމު ނަންތަކެއް ކަމަށެވެ.
"ނިއު އެނބުރި ކުރީގައި އޮތް މަގާމަށް އައުމަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް ވެސް މުހިއްމު ކަމެއް. ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާއާ ނުލައި ދިވެހި ފުޓުބޯޅަ ފުރިހަމައެއް ނުވާނެ. މިއީ ހަގީގަތް. މިދިޔަ ފާއިތުވެ ދުވަސްތަކުގައި ދަނޑަށް އައި ހީނަރުކަން ބަދަލުކުރެވޭނީ، މި ކްލަބުތަކަށް ދަނޑަށް ނުކުމެގެން،" މުބީން ވިދާޅުވިއެވެ.
ނިއުއާ އަލަށް ގުޅުން ކުޅުންތެރިން އިއްޔެގެ އިވެންޓްގައި ދައްކާލާފައިވާ އިރު، އެ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް ފާހަގަވެގެން ދެއެވެ. އެގޮތުން ޔަސްފާދު ހަބީބް (މުލަކޭ) އާއި ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު މޫސާ ޔާމީން (ޔާމްބެ) އަދި އަހުމަދު މުޖުތާޒު (މުޖޭ) ވެސް ނިއުގެ ސަކޮޑުގައި ހިމެނެއެވެ.
އެޓީމުގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ އިރު، ސޮބާ އަދި ތަމްރީނުތަކާ ގުޅިފައެއް ނުވެއެވެ. ނިއުއިން އިއްޔެ ފަރިތަކުރުންތައް ފަށާފައިވާ އިރު، އެ ޓީމުން މިވަގުތު ތައްޔާރުވަނީ އެފްއޭއެމްއިން ބާއްވާ ލީގު ކަޕަކަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު