ކުރީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގެ ޗެއާއަކަށް ހުންނެވި އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

އަކްރަމްގެ ފަރާތުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ. ހައިކޯޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ މައްސަަލަ ބަލައިނުގަނެ، ބޭރުކޮށްލުމަށް ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ.

ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބޭރުކުރުމަށް ރަޖިސްޓްރާ ނިންމީ އެ މަހުގެ 10 ގައެވެ. އަކްރަމްގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވީ ޖެހިގެން އައި ދުވަހުގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަކުރަމްގެ ޕާސްޕޯޓް ހިފެހެއްޓީ، "ބިންވެރިޔާ" ސްކީމުގެ ތެރެއިން އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދީފައިވާ މައްސަލައާ ގުޅިގެން އޭސީސީގެ އެދުމުގެ މަތީންނެވެ. އަދި އެއީ އަންނަ މަހުގެ 18 އާ ހަމައަށް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައި އަކުރަމް ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށެވެ. އެކަން ސާބިތުކުރަން ގިނަ ނުކުތާތަކެއް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުންގެންދާ ކަމާއި އޭނާގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އަކްރަމް އެދިފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ، އެ އަމުރު ބާތިލުކޮށްދިނުމަށެވެ.

ހައިކޯޓުން ފެބްރުއަރީ މަހުގެ 27 ގައި އާންމުކުރި ރަޖިސްޓްރާގެ ނިންމުން މުރާޖާއާކޮށް ނިމުނު ގޮތުގެ ނިންމުމުގައި ވަނީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބެލުމަށެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު އިއްޔެ ވަނީ މައްސަލައިގެ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައިވަނީ ކުރިމިނަލް ކޯޓުން އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރީ ގޯސްކޮށް ކަމަށްވާތީ އެ އަމުރު ބާތިލުކުރާ ކަމަށެވެ.