ވ. މޭރީވިލާ އަހްމަދު ބައްސާމަށް 973،298 ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ބައްސާމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ، ގްރީން ވުޑްސް އިންވެސްޓްމަންޓް އިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ވިއްކި މުދަަލަށް ލިބެންޖެހޭ ފައިސާ ތެރެއިން ނުލިބޭ ކަމަށް ބުނާ އެއް މިިލިޔަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 10،000 ފުރިޔާ ހޯދުމަށް އެދި ފެނަކައަށް ރައްދުވާ ގޮތަށް ހުށަހެޅި ދައުވާއެކެވެ.

އެ ފައިސާއަކީ ފެނަކައިގެ ހަތަރު ޕާޗޭސް އޯޑަރާ ގުޅިގެން ވިއްކި މުދަލަށް އިންވޮއިސް ކުރި ހަތަރު އިންވޮއިސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ކަމަށްވެސް އެ ދައުވާގައި ބުނެފައިވެއެވެ.

ނަމަވެސް ސިވިލްކޯޓުން މި މައްސަލަ ބެލުމަށްފަހު، ކަނޑައަޅާފައިވަނީ ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައްސާމަށް ނުލިބިވަނީ 963،298 ރުފިޔާ ކަމަށެވެ.

އެހެންކަމުން އެ އަދަދަކީ ފެނަކައިން ބައްސާމަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ޝަރީއަތުުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 10،000 ރުފިޔާއާއެކު ޖުމްލަ 973،298 ރުފިޔާ ބައްސާމަށް ލިބިދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ހުރިހާ ފައިސާއެއް ސިވިލްކޯޓަށް ދެއްކުމަށް ފެނަކައިގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.