ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ކާލޯ އެންޗެލޮޓީ، ކްލަބު ވޯލްޑް ކަޕްގެ ކުރިން ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެއެވެ.
ބްރެޒިލް ކޯޗުކަމުގެ މަގާމުގައި އެންމެފަހުން ހުރި ޑޮރިވަލް ޖޫނިއާ މަގާމުން ވަކިކުރީ މިދިޔަ މަހުގައެވެ. ޑޮރިވަލް މަގާމުން ވަކިކުރުމަށް އެގައުމުގެ ފެޑަރޭޝަނުން ނިންމި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަވަނީ ނިމިދިޔަ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ބަލިވުމެވެ.
އެހިސާބުން ފެށިގެންވެސް ބްރެޒިލަށް ކޯޗެއް ހަމަޖައްސަން އެގައުމުގެ އެފްއޭއިން މަސައްކަތް ކުރަމުން ގޮސްފައިވާ އިރު، އެންމެ ބޮޑަށް މީޑިއާގައި އަޑު ފެތުރުނީ އެންޗޮލޮޓީއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕްގެ ހަތަރު ވަނައިގައި މިވަގުތު އޮތް ބްރެޒިލުން ވީ އެންމެ އަވަހަކަށް އާ ކޯޗެއް ގެންދަން ބޭނުންވެ މަޝްވަރާ ކޮށްފައިވާ އިރު، އެންޗެލޮޓީ އެއްބަސްވީ މިހާރު ކުރިއަށްދާ ސީޒަން ނިމުނުހާ އަވަހަކަށް، އަންނަ މަސް ތެރޭގައި ބްރެޒިލް ގައުމީ ޓީމާ ހަވާލުވުމަށެވެ.
ރެއާލަށް މި ސީޒަން އުނދަގޫކޮށް ގޮސްފައިވާ އިރު، އެޓީމަށް މިހާރު އޮތީ ލީގުގެ ފުރުސަތު އެކަންޏެވެ. ލީގު ނެގުމަށްވެސް ބާސެލޯނާއިން ލީޑު ކުރަމުންދާ އިރު، އެންޗެލޮޓީ ކުރިންވެސް ބުނެފައި ވަނީ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
އެވާހަކަތައް ރޭ އިތުބާރު ނޫސްތަކުން ޔަގީން ކޮށްދީފައިވާ އިރު، ބްރެޒިލުން ބޭނުންވަނީ ޖޫން މަހުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް އިޓަލީގެ އެންޗެލޮޓީ ޓީމަށް އިރުޝާދު ދޭށެވެ.
އެއާއެކު އެންޗެލޮޓީ ބްރެޒިލާ ހަވާލުވާނީ ރެއާލުން ވާދަކުރާ ކްލަބު ވޯލްޑް ކަޕުގެވެސް ކުރިންނެވެ. ކްލަބު ވޯލްޑް ކަޕް ތާވަލު ކޮށްފައި ވަނީ ޖޫން 14 އިން ޖުލައި 13 އަށެވެ. އެއީ އެމެރިކާގައި ބާއްވާ މުބާރާތެކެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެންޗެލޮޓީ ބްރެޒިލާ ހަވާލުވާނީ ގައުމީ ޓީމަކުން ކޯޗަކަށް ދޭ ރެކޯޑު މުސާރައެއްގައެވެ. އެކަމުގެ ތަފްސީލު އަދި ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ.
އަންނަ ސީޒަންގެ ނިޔަލަށް އެންޗެލޮޓީއާއި ރެއާލްއާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އުމުރުން 64 އަހަރުގެ ތަޖުރިބާކާރު ކޯޗަކީ މި ފަހުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. 2021 ވަނަ އަހަރު ދެވަނަ ފަހަރަށް ރެއާލްއާ ހަވާލުވެ މިހާތަނަށް އެ ކްލަބާ އެކު ވަނީ ޗެމްޕިއަންސް ލީގާއި ލީގުގެ އިތުރުން ކޮޕާ ޑެލްރޭވެސް ކާމިޔާބުކޮށްފައެވެ.
އެންޗެލޮޓީ އާއެކު 2022 ވަނަ އަހަރުވެސް ރެއާލްއިން ޗެމްޕިއަންސް ލީގު ހޯދާފައިވާ އިރު، އެއީ އޭނާގެ ކެރިއަރުގައި ހޯދި ހަތަރުވަނަ ޗެމްޕިއަންސް ލީގެވެ. އެންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި އޭސީ މިލާނާ އެކު އަދި ރެއާލް އާއެކުވެސް ދެ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފައެވެ.
ކާލޯ އެންޗެލޮޓީ
ކާލޯ އެންޗެލޮޓީ
ކާލޯ އެންޗެލޮޓީ
ކާލޯ އެންޗެލޮޓީ