މިހާރު ފޯމުގައި އޮތް ޕީއެސްޖީއަކީ މީގެ ކުރިން އާސެނަލް ކައިރިން ގްރޫޕް ސްޓޭޖުގައި ބަލިވި ޕީއެސްޖީ ނޫން ކަމަށާއި، މިހާރު އޮތް ޕީއެސްޖީ މާ ބޮޑަށްވެސް ވަރުގަދަ ވާނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޕީއެސްޖީއާއި އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގަށް މިރޭ ނުކުންނާނީ އާސެނަލް ދަނޑަށެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖުގައި ދެޓީމު ވާދަކުރި މެޗު އާސެނަލުން 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެމެޗުގެ ފަހުން ހާލަތު އޮތީ ތަފާތު ކޮށެވެ.

އާސެނަލަށް ލީގު ނުލިބޭނެކަން ޔަގީންވެފައިވާ އިރު، ޕީއެސްޖީ އޮތީ ފްރާންސް ލީގު ޔަގީން ކޮށްގެންނެވެ. އަދި ޕީއެސްޖީ ލިވަޕޫލާއި އެސްޓަން ވިލާ ކަޓުވާލައިގެން ސެމީއަށް ނުކުންނަ އިރު، އާސެނަލް ސެމީއަށް ދިޔައީ ވަރުގަދަ ރެއާލް މެޑްރިޑް ކަޓުވާލައިފައެވެ.

"އެމެޗަކީ މީގެ ހަތެއް ނޫނީ އަށް މަސް ކުރީގެ މެޗެއް. އަހަރެން އެމެޗު ފަހުންވެސް ބެލިން. އ ޕީއެސްޖީއެއް ނޫން މިހާރު މިއޮތީކީ. މިއީ އެއަށްވުރެ ވަރުގަދަ ޓީމެއް،" އެންރިކޭ ބުންޏެވެ.

އެންރިކޭ ބުނީ ޕީއެސްޖީއަށް ގްރޫޕް ސްޓޭޖު ދިޔައީ އުނދަގޫ ހާލަތެއްގައި ކަމަށާއި، މޮޅުވާން މަޖުބޫރު ފައިނަލްތަކެއް ކުޅެން ޖެހުމުން ޓީމަށް ޕްރެޝަރާ ކުރިމަތިވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަމުން އަރައިގަނެ، ވަރުގަދައަށް ޓީމު އެކުލަވާލެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެންރިކޭ ބުނީ ސެމީއަށް ދާ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި، އޭނާއަށް ފެވަރިޓުންނަކީ ޕީއެސްޖީ ކަމަށެވެ. އެހެން ނަމަވެސް، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ކަމަށްވެސް އެންރިކޭ ބުންޏެވެ.