ޔޫކްރޭނު ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލަން ރަޝިޔާއިން ނިންމައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔޫކްރޭނާ ދެކޮޅަށް އެގައުމުން ކުރަމުން އަންނަ ހަނގުރާމަ އަންނަ މަހުގެ އަށަކުން 11 އަށް މަޑުޖައްސާލަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޕޫޓިން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ހެނދުނުން 11 ވަނަ ދުވަހާ ހަމައަށް ހަނގުރާމަ މެދުކަނޑާލަން ނިންމަވާފައިވަނީ ދުނިޔޭގެ ދެވަނަ ހަނގުރާމަ ނިމުނު ދުވަސް ފާހަގަކުރާ ދުވަސްވަރަށް ވުމުން ކަމަށް އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕޫޓިން ހަނގުރާމަ މެދުކަނޑާލަން ނިންމެވި މުއްދަތު އިތުރުކުރުމަށް ޔޫކްރޭނުން އެދިފައެވެ. އެގޮތުން ޔޫކްރޭނުގެ ފޮރިން މިނިސްޓަރު އަންދްރީ ސައިބިހާ ވަނީ ހަނގުރާމަ މެދުކަނޑާލައި ހަމަލާ ބަދަލުކުރުން 30 ދުވަހަށް ހުއްޓާލުމަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން ރަޝިޔާއިން ވަނީ ނަސާރާ ދީނުގައި ފާހަގަކުރާ ދުވަސްތަކާ ދިމާކޮށް 30 ގަޑިއިރަށް ހަމަލާ ބަދަލުކުރުން ހުއްޓާލަން ނިންމިއެވެ. ނަމަވެސް ދެ ގައުމުން ވެސް ވަނީ އެކަމާ ހިލާފުވެ ހަމަލާދީފައެވެ.

އޮފިޝަލުން ވަނީ ޔޫކްރޭނުން މިހާތަނަށް 20 ފަހަރު ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ނާކާމިޔާބު ވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ޔޫކްރޭން ހިފުމަށް ރަޝިޔާއިން ފެށި ހަނގުރާމައިގައި މިހާތަނަށް ރަޝިޔާއިން ޔޫކްރޭނުގެ 20 ޕަސެންޓް ވެރިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.