މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރަން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކިއެކި ދާއިރާތަކުން އެއްބާރުދިނުމާއި ގުޅޭ ގޮތުން އަންވަރާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އިން އެއްބާރުލުން ދިނުމާއި ގުޅިގެން މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ބާއްވާ "ވިޒިޓް މެލޭޝިއާ އެކްސްޕޯ" ގެ ބޭނުން ހިފައި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ހަލާލް ޓޫރިޒަމްގައި ހުރި ފުރުސަތުތައް ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވަނީ އެ ގައުމުގެ ހަލާލް އިންޑަސްޓްރީގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.