އިނގިރޭސި އެފްއޭ ކަޕް ފައިނަލަށް މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލެސް ދަތުރު ކޮށްފިއެވެ.
މިދިޔަ އަހަރު އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ސިޓީން މިއަހަރުގެ ފައިނަލަށް ދަތުކުރީ ރޭ ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށްގެންނެވެ.
ޕެލެސްއިން ވަރުގަދަ އެސްޓަން ވިލާ ކައިިރން 3-0 އިން މޮޅުވެ ފައިނަލުގެ ދެވަނަ ޖާގަ ޔަގީން ކޮށްފައިވާ އިރު، ސިޓީއާއި ޕެލެސް ފައިނަލުގައި ކުރިމަތިލާނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހުއެވެ. މެޗު އޮންނާނީ އިނގިރޭސި އެންމެ ތާރީހީ ސްޓޭޑިއަމް ވެމްބްލީގައެވެ.
ސިޓީއަށް މިއަހަރުގެ އެފްއޭ ކަޕް ކާމިޔާބު ނުކުރެވިއްޖެނަމަ، އެ ޓީމު ނިންމާލަން ޖެހޭނީ ހުސް އަތާއެވެ. މިހާތަނަށް މި ސީޒަނަކީ ސިޓީއަށް އުނދަގޫ ސީޒަނަކަށްވެފައިވާ އިރު، މިދިޔަ ހަތަރު އަހަރު އިނގިރޭސި ޗެމްޕިއަނުން މިވަގުތު ލީގުގައި މަސައްކަތް ކުރަނީ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށެވެ.
ރޭގެ ސެމީ ފައިނަލް މެޗުގައި ސިޓީ ފެށީ ރަނގަޅަށެވެ. ނޮޓިންހަމްގެ ދަނޑުގައި އެޓީމުގެ ސަޕޯޓަރުންގެ އަޑު ގުގުމަމުން ދަނިކޮށް، ދެވަނަ މިނެޓުގައި މެޓެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ބޯޅައެއްގައި ރިކޯ ލެވިސް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ.
ކުރީކޮޅުގައި ސިޓީން ބޮޑަށް ނުރައްކާ ކުރި އިރު، އޮމަރު މަރްމޫޝްއާއި ނިކޯ އޮރެއިލޭއަށް ލިބުނު ފުރުސަތުތައް ވީ ނާކާމިޔާބެވެ.
ފުރަތަމަ ހާފު ސިޓީން ޑޮމިނޭޓް ކުރި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ފޮރެސްޓުން ސިޓީ ހާސްކޮށްލިއެވެ. ހާފުގެ ކުރީކޮޅުގައި އެންތަނީ އެލަންގާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ފޮރެސްޓުން އޭގެފަހުން އުފެއްދި ތިން ހަމަލާއެއްގައި ދަނޑިއަށް ބޯޅަ އަމާޒުވިއެވެ.
އެއީ މޯގަން ގިބްސް ވައިޓާއި ޓައިވޯ އަވޮނިޔީ އަދި ނިކޮލަސް ޑޮމިންގޭޒްގެ ހަމަލާތަކެވެ. އޭގެ ތެރެއިން ޑޮމިންގޭޒްގެ ހަމަލާ ދަނޑިއަށް އަމާޒުވީ ސިޓީ ކީޕަރު ސެޓެފަން އޮރިޓޭގާ އަތުގައިވެސް ޖެހިފައި ގޮހެވެ.
ފޮރެސްޓުގެ ހަމަލާތައް ބޭކާރުވުމުގެ ނަތީޖާއަކަށްވީ ސިޓީން ދެވަނަ ގޯލެއް ޖަހައި މެޗު ޔަގީންކުރުމެވެ. އެގޯލު ސިޓީއަށް ޖަހައިދިނީ ޖޮސްކޯ ގްވާޑިއޯލެވެ. އެއީ ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާ ޖެހި ގޯލެކެވެ.
ޕެލެސްއިން ވިލާ ކޮޅަށް ރޭގެ މެޗުގައި ޖެހި ގޯލުތައް ޖަހައިދިނީ އެބެރެޗީ އެޒޭއާއި އިސްމާއީލާ ސާއެވެ. ސާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް