އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން 20 ވަނަ ފަހަރަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ނުކުތް އިރު، ލިވަޕޫލަށް ތަށި ޔަގީންކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެއީ ދެވަނައިގައި އޮތް އާސެނަލުން އެންމެފަހުން ކުޅުނު މެޗުގައި އެއްވަރުވެފައި އޮތުމުންނެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ތަށި ޔަގީންކުރުމަކީ ހާއްސަކަމަކަށްވީ އިރު، ލިވަޕޫލުން އެކަން ކުރީ 5-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްގެންނެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ތަށި ޔަގީންކުރީ 34 މެޗުން 82 ޕޮއިންޓާއެކުގައެވެ.

މިރޭ ލިވަޕޫލުން ލީގު ޔަގީންކުރި އިރު، އެޓީމުން 30 އަހަރު ލީގު ތަށްޓަކަށް ކުރަމުން އައި އިންތިޒާރު ނިންމާލީ 2019-20 ވަނަ އަހަރު ސީޒަނުގެ ތަށި ހޯދައިގެންނެވެ. އެފަހަރު ހޯދި ތަށްޓާއި މިފަހަރު ހޯދި ތަށި ތަފާތު ވާނެ އެއް ސަބަބަކީ ސަޕޯޓަރުން ކުރިމަތީގައި ތަށި އުފުލާލަން ފުރުސަތު ލިބުމެވެ. އޭރު ކޮވިޑް 19 ގެ ހާލަތާ ހެދި ލިވަޕޫލުން އުފާފާޅުކުރީ ހުސް ދަނޑެއްގައެވެ.

ލިވަޕޫލުން 20 ވަނަ ލީގު ތަށި ހަމަކުރި އިރު، އެންމެ ގިނައިން އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާ ދެޓީމަކީ ލިވަޕޫލާއި ޔުނައިޓެޑެވެ. އެ ދެޓީމުންވެސް ވަނީ 20 ލީގު ތަށި ހޯދައިފައެވެ.

މިރޭގެ މެޗުގައި ޓޮޓެންހަމްގެ ޑޮމިނިކް ސޮލާންކޭ ގޯލު ޖަހައި ލީޑު ނެގި ނަމަވެސް، އޭގެފަހުން ލިވަޕޫލް ފެނުނީ މާ ބޮޑަށްވެސް ތަފާތުކޮށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ގޯލު ޖަހައި ސަޕޯޓަރުން ކައްކުވާލިއެވެ.

ފަހަތުން އަރައި ނަތީޖާ އަނބުރާލުމަށް ލިވަޕޫލަށް ފުރަތަމަ ތިން ގޯލު ޖަހައިދިނީ ލުއިސް ޑިއާޒާއި އެލެކްސިސް މެކް އަލިސްޓާ އަދި ކޯޑީ ގަކްޕޯއެވެ.

ދެވަނަ ހާފަށް ނުކުމެވެސް ލިވަޕޫލުން ދިޔައީ ފުލުފުލުގައި ނުރައްކާ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެޓީމުގެ ގޯލުތައްވެސް އިތުރަށް ފެނިގެން ދިޔައެވެ. ކްލަބުގައި މަޑުކުރާނެކަމުގެ ޔަގީންކަން ދީފައިވާ މުހައްމަދު ސަލާހްގެ ގޯލެއްގެ އިތުރުން ދެން ފެނިގެން ދިޔައީ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިރޭގެ ލީގު ތަށި ލިވަޕޫލްގެ އާ ކޯޗު، އާނޭ ސްލޮޓަށްވެސް ހާއްސައެވެ. މިއީ އޭނާ ކްލަބަށް އިރުޝާދު ދެމުންދާ ފުރަތަމަ ސީޒަނެވެ.