ނ. ހޮޅުދޫގެ ގެއެއްގެ ގުދަނެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް/ ޒަކިއްޔާ މޫސާ (50އ)ގެ މަރުގެ މައްސަލަ ރިޔާސީ ކޮމިޝަނަކުން ބެލުމަށް އާއިލާ އިން އެދިއްޖެ އެވެ.
ޒަކިއްޔާގެ އާއިލާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެ އިހުމާލުތައް ފޮރުވަން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ހޮޅުދޫ ރައްޔިތުންނަށް ވިސްނައި ދިނުމަށް ކަމަށްވެސް އާއިލާ އިން ބުންޏެވެ.
އާއިލާ އިން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށާއި ތަހުގީގަށް ބަޔާންދިނުމަށް ހާޒިރުކުރި ފަރާތްތަކުގެ ބަޔާންތަކުގައިވެސް ހުރީ ފުލުހުން ބޭނުންވާ ގޮތަށް އިބާރާތް ހަމަޖައްސާފައި ކަމަށެވެ.
ބައެއް ހެކިވެރިންގެ ފަރާތުން ވަކިކަމެއް ހުރީ މިވެނި ގޮތަކަށް ބުނުމުންވެސް ފުލުހުން އެކަމާ ދެކޮޅު ހަދައި ބަޔާނުގައި އެ މީހާ ބުނި ގޮތަކަށް އެކަން ކުރުމަށް ފުލުހުން އިންކާރުކޮށްފައިވާ ކަމަށްވެސް އާއިލާ އިން ބުންޏެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހޮޅުދޫއަށް ވަޑައިގެން މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވި ނަމަވެސް ފުލުހަކާމެދު ފިޔަވަޅު އަޅާފައި ނުވާކަންވެސް އާއިލާ އިން ބުންޏެވެ.
"އެހެންކަމުން ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށް އާއިލާގެ ފަރާތުން ކުރާ އިލްތިމާސްއަކީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް ދެއްވައި، ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައި ދެއްވައި، މިކަމަށް ހާއްސަ ކޮމިޝަނެއް އުފައްދަވައި ދެއްވުމަށެވެ،" އާއިލާ އިން ބުންޏެވެ.
އާއިލާގެ ބަޔާނުގައި އިތުރަށް ބުނީ، ފުލުހުން، ޒަކިއްޔާގެ ވާޗުއަލް އޮޓްޕްސީއެއް ހެދި ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށާއި އެފަދަ އެއްވެސް އޮޓްޕްސީ ރިޕޯޓެއް ނެތް ކަމަށެވެ. އަދި ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރު، ޒަކިއްޔާއަށް މީގެ ކުރިން ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ހެކިވެރިއަކު ގާތު ކިޔައިދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
އެ އަނިޔާތަކާ ގުޅިގެން ފިރިމީހާއާ ދުރަށް ދާން ބޭނުންވާ ކަމަށް ޒަކިއްޔާ ހެކިވެރިއެއްގެ ކައިރީގައި ބުނި ކަމަށާއި ރޭގަނޑު ވަގުތު ކޮޓަރީގައި ގެވެށި އަނިޔާކުރާތީ ޒަކިއްޔާ ހުންނަނީ ގެއާ ކައިރީގައި އޮންނަ އަތިރިމަތީގެ ނިކަ ގަހެއްގެ ކައިރީގައި ކަމަށްވެސް އާއިލާ އިން ބުންޏެވެ.
އެއްރެއަކު ޒަކިއްޔާ އެ ނިކަ ގަސް ކައިރީގައި ހުއްޓާ މުހައްމަދު ރަޝީދު އުމަރު އެތަނަށް ގޮސް، ޒަކިއްޔާ ނަގައި ނިކަ ގަހުގެ މޫތަކާ ދިމާލަށް އެއްލާލި ކަމަށާއި އޭގެފަހުން ފަހުން ޒަކިއްޔާގެ އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ގޮނޑުދޮށާ ދިމާލުން ގެއާ ހަމައަށް 250 ފޫޓު ދުރުމިނަށް އެގޮތަށް ދަމާ ގެންދިޔަ ކަމަށް ހެކިވެރިޔާ ގާތު ޒަކިއްޔާ ބުނެފައިވާ ކަމަށްވެސް އާއިލާ އިން ބުންޏެވެ.
"ނަމަވެސް ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތްކުރަނީ ޒަކިއްޔާ މޫސަ އަމިއްލައަށް މަރުވީ ކަމަށް ދެއްކުމަށެވެ. ކަމުގެ ހަގީގަތް ހޯދުމަށް ބޭނުންނުވެއެވެ. އޭގެ ބަދަލުގައި ފެންނަނީ ފޮރުވުމަށް މަސައްކަތްކުރާ ތަނެވެ" އާއިލާ އިން ބުންޏެވެ.
ޒަކިއްޔާގެ މަރުގެ ޓައިމްލައިން:
- 10 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ މަރުވެފައި އޮއްވައި ފެނުނު ދުވަސް
- 10 ސެޕްްޓެމްބަރު 2024 - ޒަކިއްޔާގެ މަރު ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް އެރި
- 11 ސެޕްޓެމްބަރު 2024 - ތަހުލީލުތައް ހެދުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައި
- 12 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ ހަށިގަނޑު އަލުން ހޮޅުދޫއަށް ގެންދިޔަ
- 12 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ ހަށިގަނޑު ހޮޅުދޫގައި ވަޅުލި
- 25 ނޮވެމްބަރު 2024 - ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޮޑު ހިނގާލުމެއް ބޭއްވި
- 3 ޑިސެމްބަރު 2024 - ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި (އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނި)
- 23 ޖެނުއަރީ 2025 - ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަން ފެށި
- 23 ފެބްރުއަރީ 2025 - ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމާއި އެންއައިސީން ބަލަން ފެށި
- 26 ފެބްރުއަރީ 2025 - ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގައި ބޭއްވި ސިލްސިލާ އިހުތިޖާޖުތަކުގެ ސަބަބުން ފުލުސް ކޮމިޝަނަރާއި ހޯމް ލޭންޑް މިނިސްޓަރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި (އެ ބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރު ވަނީ ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއްކަމަށް އިއުތިރާފުވެވަޑައިގެންފައި)
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް