މާލޭގެ އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގައި އިންސާފުގެ ކުރިމަތީގައި، އެއްވެސް މީހަކު މުހިންމު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ސިޔާސީ ފަރާތްތަކާ ގުޅުން އޮންނަ އާއިލާގެ ބަޔަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
އެންމެ ބޮޑަށް އެ ތުހުމަތު އަމާޒު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށެވެ. އެއީ ޔުމްނު ވެއްޓުމުގެ ކުރިން ބޭއްވި ޕާޓީއެއްގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވުމާއި އެ ޕާޓީ އަމީން ދިރިއުޅުއްވާ ގޭގައި ބޭއްވުމެވެ.
އެ މައްސަލައިގައި ތަހުގީގުގެ ކަންކަން ފޮރުވުމުގެ ތުހުމަތު ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ދަނީ ކުރަމުންނެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މިހާރު ކުރަމުން އަންނަ މުޒާހަރާތަކުގައި އަންނަނީ އެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ޝުޖާއު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް އަށް މިއަދު ދެއްވި އިންޓަވިއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާ ކަމަށާއި އެ ތުހުމަތުތައް ބައްލަވާނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ކޮންމެ މީހަކާމެދު ވެސް ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެ މީހާގެ، އެ މީހާ ފޮރުވުމަށްޓަކާ ނޫނީ އެ މީހާ ދޭތެރޭގެ ތަފާތުކުރަން. މިހާރު މިއޮތް އެލިގޭޝަން ގޮތަށް ކަވާއަޕް ކުރަނީއޭ. ސީރިއަސް ކޮންސާންތަކެއް އެބަހުރި ހާއްސަކޮށް ޒުވާން ކުދިންގެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކަންކަމުގެ ހަގީގަތް ރަނގަޅަށް ބެއްލެވުމަށްފަހު އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވަނީ އެގޮތަށް ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި މުސްތަގުބަލަށް ޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށާއި ނިންމަން ޖެހޭ ކޮންމެ ނިންމުމެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ވީމާ އެއްވެސް މީހަކު ހިމާޔަތް ކުރުމެއް އަޅުގަނޑަށް މުހިންމެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު