މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބައެއް އިރުޝާދުތައް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޔުމްނުގެ ޒާތީ މައުލޫމާތާއި އަނިޔާގެ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައިވާތީ، ޔުމްނުގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުން
  • އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުން
  • އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި މީހުންނަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގުކުރުން
  • ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް އަމަލުކުރުން
  • ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުން ނާރާނެ ގޮތަށް، ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން
  • ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުން

ޕީޖީގެ ބަޔާނުގައި ބުނީ، އެ މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރުން މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުމުން އެ ޝަކުވާތަކާމެދު ނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނާނެ ކަމަށްވެސް ބުންޏެވެ.