ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ، ކްލަބުތަކަށް އެކަމުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން މަސައްކަތްކުރާ ލީގު ކަޕްގައި ފަސް ޓީމެއް ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ލީގު ފުޓްބޯޅަ އަލުން ފަށަން މި މަހަށް ތާވަލުކުރި ނަމަވެސް، އެފްއޭއެމް އިން ލީގު ނުފަށަން ނިންމީ ފީފާ އިން އެދިގެންނެވެ. ލީގު ފެށުމަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ސްޕޯޓްސް މިނިސްޓްރީން ފައިސާ ވެސް ދީފައިވެއެވެ. ނަމަވެސް ސީޒަން ފެށުން ފަސްކުރީ ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮތް ގޮތުން، ފީފާ އިން އެގޮތަށް ނިންމުމުންނެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ދަށުން ފުޓުބޯޅަ ހިންގަމުންދާ އިރު، ފުޓްބޯޅަ ނުފަށަން ފީފާ އިން ލަފާ ދިނީ މި ވަގުތު އަސާސީ ގަވާއިދު އިސްލާހު ކުރުމާއި މާލިއްޔަތު ސަލާމަތް ކުރުން މުހިންމުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލީގު ކަޕަށް އެފްއޭއެމް އިން ފުރަތަމަ ފުރުސަތު ހުޅުވާލީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް އެކަންޏެވެ. އެ ފުރުސަތުގައި ފުރަތަމަ ޑިވިޝަނުން ލީގުގައި ބައިވެރިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބު އަދި އޮޑި ސްޕޯޓްސް ކްލަބުންނެވެ.

އެހެންކަމުން އެފްއޭއެމް އިން ވަނީ ދެވަނަ ޑިވިޝަނުގެ ޓީމުތަކަށްވެސް މުބާރާތުގައި ބައިވެރިވާން ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި މަހިބަދޫ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ވަނީ އެފްއޭއެމް މުބާރާތުގައި ބައިވެރިވެފައެވެ.

މަސް ދުވަހަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދާ އެފްއޭއެމް ލީގު ކަޕް އަންނަ މަހު އެއްވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

މުބާރާތަށް ފީފާ އިން ވަނީ 50،000 ޑޮލަރު (771،000 ރުފިޔާ) ދީފައެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ޗެމްޕިއަން ޓީމަށް 300،000 ރުފިޔާ ނަރަޕަށް 150،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 50،000 ރުފިޔާ ދޭނެއެވެ.