ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ވާދަކުރާ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދީ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރީ ރަނގަޅަށް ތައްޔާރު ނުވެވޭނެތީ ކަމަށް އެކްސްކޯއިން ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް، އަންނަ ޖުލައި މަހު ބާއްވަން ފުރަތަމަ ތާވަލުކުރީ ހޯމް އަދި އަވޭ މެޗުތައް ހިމަނައިގެންނެވެ. އެހެން ނަމަވެސް، މުބާރާތް ފަހުން ސެންޓްރަލައިޒްކޮށް، ކުރިން އޮތް ގޮތަށް ތާވަލުކޮށްފައިވާ އިރު، ބާއްވަން ނިންމީ ޖޫން މަހު ސްރީ ލަންކާގައެވެ.
ސާފުން ދާދިފަހުން ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ނިންމީ މުބާރާތް އަންނަ އަހަރަށް ފަސްކުރީ ހޯމް އަދި އަވޭ އުސޫލު ދޫކޮށްލަން ބޭނުން ނުވާތީ ކަމަށެވެ. އަދި މާކެޓިން ޕާޓްނަރު ކަމަށްވާ ސްޕޯޓްފައިވް އިންވެސް ބޭނުންވަނީ މުބާރާތް ހޯމް އަދި އަވޭ މެޗުތައް ހިމަނައިގެން ކުރިއަށްގެންދަން ކަމަށްވެސް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕް ހޯމް އަދި އަވޭ މެޗުތައް ކުޅެގެން ކުރިއަށްގެންދަން ބޭނުންވާނަމަ، ދެ މަސް ދުވަހަށް މުބާރާތް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. އޭގެ ސަބަބުން ހަރަދު ބޮޑުވުމާއެކު، މިހާރު އޮތް ގޮތުން މިއަހަރު މުބާރާތް ނުބޭއްވޭނެ ކަމަށްވެސް އެކްސްކޯއިން ވަނީ ނިންމައިފައެވެ.
ސާފްގެ ނިންމުމުގައި އަންނަ އަހަރަކީ ވޯލްޑް ކަޕް ބާއްވާ އަހަރަކަށްވުމަކީ ކަންބޮޑުވުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަންނަ އަހަރު ވޯލްޑް ކަޕް އޮންނާތީ މުބާރާތް ބާއްވާ ރަނގަޅު ދަނޑިވަޅެއް ހޯދުން އެއީ މުހިންމު ކަމެއް ކަމަށް ސާފުން ނިންމާފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ވަނަ އަހަރު އެންމެފަހުން ބޭއްވީ އިންޑިއާގެ ބެންގަލޫރުގައެވެ. އެންމެފަހުގެ ޗެމްޕިއަނަކީ އިންޑިއާއެވެ. ރާއްޖެއިން މިހާތަނަށް މުބާރާތް ކާމިޔާބުކުރީ 2008 އަދި 2018 ވަނަ އަހަރުއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް