ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތި ވިއްކައި މަނީލޯންޑާ ކުރަމުންދިޔަ ބޮޑު ނެޓްވޯކުގެ އިސް ދެ މީހުންގެ އެކައުންޓުގައި ފަސް އަހަރުތެރޭ 60 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެ މީހުންގެ މައްޗަށް ދައުވާކޮށްފައެވެ. ޕީޖީން ދައުވާކޮށްފައިވަނީ އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމާއި ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދުގެ މައްޗަށެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ޕްލޭން ކުރެވިގެން ވެށި ރައްކަލުގެ ނަމުގައި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހުން ހޯދައި، 121 މައްސަލައެއް ތަހުގީގުކޮށްފައިވާނެ ކަމަށެވެ.

"އަދި މި ނެޓްވޯކުން މުއްސަނދިކަން ލިބިފައިވާ މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ދެ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައި. އަދި މި މީހުން ކުށްކޮށްގެން ހޯދާފައިވާ ފައިސާއިން ގަނެފައިވާ އަގުބޮޑެތި މުދާތައް ވަނީ ދައުލަތަށް ނަގައިދިނުމަށް އެދިފައި. މި ދެ މީހުންގެ އެކައުންޓުގައި 60 މިލިއަން ރުފިޔާ ފަސް އަހަރުގެ ތެރޭގައި ދައުރުކޮށްފައިވޭ،" ސީޕީ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ގިނަ ފުލުހުންތަކެއް ގުޅިގެން ހިންގުނު އެ ތަހުގީގުގައި 42 މީހުންގެ ބޭންކު ސްޓޭޓްމަންޓުތައް ހޯދައި، އޭގެ އެނަލިސިސް ހަދައި، ދައުރުވާ ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްތޯ ބަލަން ވަރަށް ގިނަ ވަގުތު ދިރާސާގައި ހޭދަކޮށްފައިވާ ކަމަށެވެ.

"މި ކޭހުން އަޅުގަނޑުމެންގެ މަސައްކަތަށް ލިބުނު ޔަގީންކަމަކީ މިހާރު އެކްޓިވްކޮށް ނެޓްވޯކުތަކުގައި ނޫޅުނަސް، އެފަދަ މީސްމީހުންނަށް ލިބިފައިވާ މުއްސަނދިކަމަކީ މިފަދަ މީސްމީހުން ނެޓްވޯކުތަކުގައި އުޅުނު ދުވަސްވަރު ލިބުނު ފައިސާތޯ ބަލައި ތަހުގީގުކުރެވޭނެކަން. އަދި ފުލުހުންގެ ތަހުގީގުތައް ޖިނާއީ އަދުލުގެ ނިޒާމުން ބަލައިގަންނަކަން،" ސީޕީ ވިދާޅުވިއެވެ.

ޕީޖީން ވަނީ އާޒިމާއި ނިއުޝާދުގެ މައްޗަށް ދެ ދައުވާއެއްކޮށް، ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެއީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީން ބުނެފައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 27 ގައި ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ދިވެހި ފުލުހުންގެ ހިދުމަތުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ހަސަން އާޒިމާއި، އަހުމަދު ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން އިތުރަށް ކުރި ތަހުގީގުތަކަށް ފާހަގަވި ކަންތައްތަކާ ގުޅިގެން ކަމަށެވެ.

އެކަން އިތުރަށް ތަހުގީގުކޮށް ބެލި އިރު، އާޒިމް އިސްވެ ހުރެ، ނިއުޝާދާއެކު ‍މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަމާއި، އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ގެ ނިޔަލަށް މި ނެޓްވޯކު ހިންގައި، މި ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެ ދެ މީހުންގެ ތެރެއިން އާޒިމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60 (5.9 މިލިއަން) ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ނިއުޝާދުގެ މައްޗަށް އެ ކުށުގެ ދައުވާކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 (21.8 މިލިއަން) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީއެވެ.

ޕީޖީން ބުނީ ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި، އަތުގެ ވެރިކަމާއި، ތަސައްރަފު ކުރުމުގެ ހައްގު ހޯދައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ހާސިލުކޮށްފައިވާ ނަތީޖާއެއްކަމަށްވީތީ އެ ފައިސާއާއި މުދާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

ޕީޖީން އެދިފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ 1,194,290.31 (1.1 މިލިއަން) ރުފިޔާ ހޯދުމަށެވެ.