މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ފުލުހުން ތަހުގީގާމެދު އާންމުން ކަންބޮޑުވަމުންދާތީ އެ ތަހުގީގުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލުމަށް ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ.
އެންއައިސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކުރަމުން އަންނަ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުކޮށް ވާހަކަ ދައްކަމުންދާތީ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން ދިވެހި ފުލުހުން ގާނޫނާއި ގަވާއިދާއި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ހާދިސާއާ ގުޅޭ ބައެއް ސީސީޓީވީ ފޫޓޭޖުތައް ދައްކާލައި ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ ހައްވާ ޔުމްނާ، 21އ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އަނިޔާވި އަންހެން ކުއްޖާ ހިމެނޭހެން އަށް މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް އެ ގެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 12:00-12:30 އާ ދެމެދު ނުކުމެއެވެ. އަދި އެ މީހުން ނުކުމެގެން އޭގެ ތެރެއިން ހަތަރު މީހުން އަމީނީ މަގުން ހެންވޭރުކޮޅުގައި ހުރި ގެއަކަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ގެއަށް ގޮސްފައިވަނީ އަނިޔާވި އަންހެން މީހާއާއި ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ ފިރިހެނުން އެ ގެއަށް ދިޔައީ ސައިކަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނިޔާވި އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާ ހިނގާފައި ގޮސް އެގެއަށް ވަދެ، އެ ގޭގައި އެ ދުވަހުގެ ހަވީރު 4:30 ވަންދެން ތިބި ކަމަށް ފުލުހުން ބުނެފައިވެއެެވެ.
އޭގެ ފަހުގައި އެ ގެއަށް ދިޔަ އަންހެން މީހާއާއި ފިރިހެން މީހާ ހިނގާފައި ގޮސް ބުރުޒު މަގުގައި ހުންނަ ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ހުރީ މަސްތުގެ ހާލަތުގައެވެ. އެކަން އަމަލުންވެސް އެނގޭ ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ މީހުން ބޮޑަށް ހަރަކާތްތެރިވެފައިވަނީ 7،8،9 ވަނަ ފްލޯގައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ މަސްތުވާތަކެތީގެ ދާއިމީ ނަތީޖާ ކެބިނިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ، އަންހެން ކުއްޖާ "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން