މިއަހަރު އިތުރު 89 ރަށެއްގައި ސިއްހީ ދާއިރާގެ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި 24 ހޮސްޕިޓަލު ހިމެނޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ވަނީ ގދ. ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އޭގެ ތެރެއިން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އަދި ނައިފަރު ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާ އެވެ.
އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ފަސް ހޮސްޕިޓަލު އަދި ފަސް ސިއްހީ މަރުކަޒުގެ މަސަައްްކަތާއި މިދިޔަ މަހުގެ 28 ގައި ފަސް ހޮސްޕިޓަލެއްގެ މަސައްކަތާއި ފަސް ސިއްހީ މަރުކަޒުގެ މަސައްކަތް ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ވަރަަށް ގާތުން ބައްލަވަމުންގެންދަވާ ކަމަށާއި ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ގިނަ ތަންތަން މޯބަލައިޒްކޮށް އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ސިއްހީ ދާއިރާގެ 19 މަސައްކަތް ކުރިއަށްގެންދާ ކަމަށާއި އޭގެ ތެރޭގައި 19 އާ ހޮސްޕިޓަލުގެ މަޝްރޫއާއި 15 އާ ސިއްހީ މަރުކަޒުގެ މަޝްރޫއުގެ އިތުރުން އަދި 21 ހޮސްޕިޓަތުތަކާއި ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވީއެވެ.
"މިނިސްޓްރީގެ ތާވަލާ އެއްގޮތަށް ކުރިއަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި، އިތުރު 24 ހޮސްޕިޓަލެއްގެ މަޝްރޫއު މިއަހަރު ތަފާތު ފަރާތްތަކާ ހަވާލުކުރާނަން. އޭގެ ތެރޭގައި ކޮންޓްރެކްޓާ ފައިނޭންސް އަދި ޑޯނާ ފަންޑުގެ މަޝްރޫއުގެ 11 މަޝްރޫއު ހިމެނޭ. އަދި ފަސް ސިއްހީ މަރުކަޒެއްގެ މަޝްރޫއާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ފެސިލިޓީސްތަކަށް ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއު މިއަހަރު ކުރިއަށްގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުން ކަމަށާއި ހާއްސަކޮށް، ރީޖަނަލް ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރުގެ ހިދުމަތްދޭ ތަންތަނަށް ބަދަލުކޮށް، އެ ތަންތަނަށް ސަބް ސްޕެޝަލިޓީޒްގެ އެކި ދާއިރާތަކަށް ތައާރަފުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތުން ނެޓްރޮލިޖީ، ކާޑިއޮލޮޖީ، ނިއުރޮލޮޖީ، ކެޓްލެބް ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައި. އެކަމަށްޓަކައި އެތަންތަނަށް ޖާގަ އިތުރުކުރުމަށް މިއަދު ފެށި އެ މަސައްކަތުގެ އެގްރިމަންޓުގައި ސޮއިކޮށް އެ މަސައްކަތް ކުރިއަށްގެންދިއުމުގައި ޓާޝަރީ ފެންވަރަށް މަސައްކަތް ބަދަލުކުރުމުގެ މަސައްކަތް ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާނެ." ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ
ފާތިމަތު ލިއުޝާ
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް