ދެ ރީޖަނަލް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިން ރަށެއްގެ ހޮސްޕިޓަލުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން އެ ދެ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަޝްރޫއު ނިންމަން ދީފައިވަނީ 540 ދުވަހެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތުގެ އަގަކީ 161،245،343.52 (161 މިލިއަން) ރުފިޔާއެވެ. އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ހަވާލުކުރީ 147،437،634.24 (147 މިލިއަން) ރުފިޔާގެ އަގަކަށެވެ.
އެ ދެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ދެން ހިމެނޭ ޅ. ނައިފަރު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާ އެވެ. ޖުމުލަ 7,711,200 (ހަތް މިލިއަން) ރުފިޔާއަށް އެ މަޝްރޫއު ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ އެއްބަސްވުމުގައި ހެލްތު މނިސްޓްރޫގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ.
އެ ރަސްމިއްޔާތުގައި ހެލެތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ސިއްހީ ދާއިރާގެ 19 މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
"19 އާ ހޮސްޕިޓަލުގެ މަޝްރޫއު، 15 އާ ސިއްހީ މަރުކަޒުގެ މަޝްރޫއު އަދި 21 ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައް ހިމެނޭ. މިނިސްޓްރީގެ ތާވަލާ އެއްގޮތަށް ކުރިއަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި، އިތުރު 24 ހޮސްޕިޓަލެއްގެ މަޝްރޫއު މި އަހަރު ތަފާތު ފަރާތްތަކާ ހަވާލުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށްއޮތްތަނުގައި ހަވާލުކުރާ 25 ހޮސްޕިޓަލުގެ ތެރޭގައި ކޮންޓްރެކްޓާ ފައިނޭންސް އަދި ހިލޭ އެހީގެ ދަށުން ހިންގާ 11 މަޝްރޫއު ހިމެނޭ ކަމަށާއި ފަސް ސިއްހީ މަރުކަޒެއްގެ މަޝްރޫއާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ފެސިލިޓީސްތަކަށް ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މިއަހަރު ކުރިއަށްގެންދާނެ ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ