ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ހަނި ގޮތަކަށް މަޔޯކާ ބަލިކޮށްފިއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މަޔޯކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސާއިން މިހާތަނަށް ކުޅުނު 33 މެޗުން 76 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމާ އެންމެ ގާތުން ލީގުން ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑުން މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައި ވަނީ 69 ޕޮއިންޓެވެ.

ބާސާއިން ލީގު ހޯދުމާ ގާތަށް ޖެހެމުން އަންނައިރު، ރޭގެ މެޗު ވެގެން ދިޔައީ އުނދަގޫ މެޗަކަށެވެ. މަޔޯކާއަށް އެންމެ ހަމަލާއެއްވެސް ބާސާ ގޯލާ އަމާޒުކޮށްލެވިފައި ނުވި ނަމަވެސް، ބާސާއަށް ގޯލެއް ޖަހަން އުނދަގޫވިއެވެ.

ބާސާއިން ޖުމުލަ 40 ޝޮޓް ހަދާފައިވާ އިރު، މަޔޯކާއަށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި އެކަނިވެސް ބާސާއިން ވަނީ 24 ޝޮޓް ހަދައިފައެވެ.

ރޭގެ މެޗުގައި މަޔޯކާގެ ކީޕަރު ލެއޯ ރޯމަން ގިނަ ހަމަލާތަކެއް މަތަކޮށްފައިވާ އިރު، ލެމީން ޔަމަލާއި ފެރާން ޓޮރެސްގެ ނުރައްކާތެރި ހަމަލާތައްވެސް އޭނާ މަތަކުރިއެވެ.

ފުރަތަމަ ހާފުގެ ތެރެއިން، 15 ވަރަކަށް ސިކުންތުގައި ބާސާއިން މަޔޯކާ އޭރިއާ ތެރެއިން ފުލުފުލުގައި ހަތަރު ހަމަލާއެއް އުފެއްދި ނަމަވެސް، މަޔޯކާ ކީޕަރާއި ޑިފެންޑަރުން ވަނީ އެ ބޯޅަތަކަށް ހުރަސް އަޅައިފައެވެ.

ހާފު ނިމުނު އިރު، ބާސާ ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ، ޑެނީ އޮލްމޯ ޖެހި ގޯލާއެކު ބާސާއިން ހިތްހަމަ ޖެހުމެއް ހޯދިއެވެ.

އެ ގޯލާއެކު މޮޅުވެ، ބާސާއިން ލީޑު ފުޅާކުރި އިރު، ޔޫރޮޕާ ލީގަށް މަސައްކަތް ކުރަމުން އަންނަ މަޔޯކާ، ތާވަލުގެ ހަތްވަނައިގައި އޮތީ 44 ޕޮއިންޓާއެކުގައެވެ.