އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ގަދަ ފަހަކަށް ކުރަމުން އަންނަ މަސައްކަތުގައި ރޭ މުހިއްމު މޮޅެއް ހޯދައިފިއެވެ.
ސިޓީން ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ ފައިނަލެއްގެ ގޮތުގައި ސިޓީ ކޯޗު ޕެޕް ގާޑިއޯލާ މާކުރިންވެސް ސިފަކޮށްފައިވާ އިރު، އެ މޮޅާއެކު ސިޓީ ތިންވަނައިގައި އޮތީ 34 މެޗުން 61 ޕޮއިންޓާއެކުގައެވެ. ވިލާއިންވެސް ގަދަ ފަހަކަށް ވާދަކުރަމުން އަންނައިރު، އެޓީމު އޮތީ ހަތްވަނައިގައެވެ.
ވިލާއަށް 34 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައިގައި އޮތް ޗެލްސީއަށްވެސް 33 މެޗުން 57 ޕޮއިންޓް ލިބިފައިވެއެވެ. ފަސްވަނައިގައި އޮތް ނިއުކާސަލްއާއި ހަތަރު ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓްވެސް އެ އަދަދަށް މެޗު ކުޅެފައިވާ އިރު، ނިއުކާސަލްއަށް ވަނީ 59 ޕޮއިންޓް ލިބިފައެވެ. ނޮޓިންހަމްއަށް ލިިބިފައި ވަނީ 60 ޕޮއިންޓެވެ.
އެފްއޭ ކަޕްގެ ފައިނަލުގައިވެސް ވާދަކުރަން އޮތް ސިޓީއާއި ވިލާ ވާދަކުރި ފޯރިގަދަ މެޗުގައި ފުރަތަމަ ގޯލު ޖެހީ ސިޓީންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ސިޓީއަށް ގޯލު ޖަހައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
އޭގެފަހުން ހާފު ނިމުމުގެ ކުރިން ވިލާއިން އެއްވަރުކުރީވެސް ޕެނަލްޓީއެއްގައެވެ. އެޓީމަށް 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ރޭ ޖެހި ގޯލަކީ މިދިޔަ ނުވަ އަހަރު ތެރޭގައި އޭނާ ސިޓީ ދަނޑުގައި ޖެހި ފުރަތަމަ ގޯލެވެ.
ސިޓީ އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގެ ތެރޭގައި ސިޓީ މޮޅުކޮށްދިނީ މަތެއަސް ނުނޭސް އެވެ. އޭނާ ޖެހި ގޯލަކީ އަރިމަތިން ޖެރެމީ ޑޮކޫ، އެކްސެލް ޑިސާސީ ނައްޓާލުމަށް ނަގައިދިން ބޯޅައިން ޖެހި ގޯލެކެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ސިޓީން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު