ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އން ކުރި ތުހުމަތު ތަހުގީގުކޮށް އެކުލަވައިލި ރިޕޯޓުގައި ފުރަތަމަ ކުރި ތުހުމަތު ބަދަލުވެފައިވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައެވެ. ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެ ފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުންވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާއިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

ޖޭއެސްސީން މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ތަހުގީގު ރިޕޯޓު ފަނޑިޔާރުންނާ ހަވާލުކޮށްފައެވެ. ޖޭއެސްސީގެ މައްސަލަ ބެލި ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރުގެ މަގާމުން އަޒްމިރަލްދާއާއި މަހާޒް ވަކިކުރެއްވުމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އެންމެ ފުރަތަމަ ކޮށްފައިވާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް އޮތް ތުހުމަތު ކަމަށާއި ތަހުގީގުގެ އަޑުއެހުމުގައާއި މައްސަލަ ބަލާ ކޮމިޓީގެ ފުރަތަމަ ރިޕޯޓުގައިވެސް ތުހުމަތު އޮތީ އެގޮތަށް ކަމަށެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ ޖަވާބުދާރީވެ ވަޑައިގެންނެވީވެސް އެ ތުހުމަތަށް ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް މައްސަލަ ބަލާ ކޮމިޓީގެ ދެވަނަ ރިޕޯޓު 16 މާޗު 2025 ގައި ތައްޔާރުކޮށް ކޮމިޝަނަށް ފޮނުވިއިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ކުރެވޭ ކަމަށް ބުނާ ތުހުމަތު އޮތީ ބަދަލުކޮށްފައެވެ. މިފަހަރު ރިޕޯޓުގައި އޮތީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުގެ 'އެހެން ފަނޑިޔާރަކާ (ފަނޑިޔާރު މަހާޒް އަލީ ޒާހިރު) ބައިވެރިވެގެން' ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ބުނެމެވެ. އަދި ކޮމިޓީގެ ފަހުގެ ރިޕޯޓުގެ ނިންމުމުގައި އޮތީ ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެން 'ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު މެދުވެރިކޮށް، ޑޮކްޓަރު އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތް ކަނޑައެޅި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން' ކޮމިޓީއަށް ސާބިތުބާ ކަމަށެވެ" ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

ވަކީލުން ބުނީ ދެވަނަ ތަހުގީގީ ރިޕޯޓުގައި ހުރީ މުޅިން އާ ވާހަކަތަކެއް ކަމަށާއި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިދިޔަ މަހުގެ 13 ގައި ފަނޑިޔާރު އަޒްމިރަލްދާއަށް ފޮނުއްވި ރިޕޯޓުގައި ތުހުމަތު ސާބިތުވާ ކަމަށް ނުވަތަ ސާބިތުނުވާ ކަމަށްވެސް ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ދެވަނަ ރިޕޯޓުގައި އާ ކަންކަމެއް ހިމަނާފައިވާއިރު އެކަންކަމާ ގުޅޭގޮ ތުން ފަނޑިޔާރު އަޒްމިރަލްދާއާ ސުވާލު ކުރައްވާފައިނުވާ ކަމަށާއި އަލަށް ހިމެނި ކަންކަމާ ގުޅޭ ގޮތުން ޖަވާބުދާރީވެ ވަޑައިގަތުމަށްވެސް ފުރުސަތުވެސް ފަނޑިޔާރު އަޒްމިރަލްދާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

"އެހެންކަމުން އެކަންކަމާބެހޭ ހަގީގަތަކީ ކޮބައިކަން ކޮމިޓީން ކަށަވަރު ކޮށްފައިނުވެއެވެ. އަދި އާ މައުލޫމާތާ ގުޅިގެން ފަނޑިޔާރުގެ ބަހެއްވެސް ހޯދާފައިނުވެއެވެ" ވަކީލުންގެ ޓީމުން ބުންޏެވެ.

ވަކީލުންގެ ޓީމުން ބުނީ މުޅި މައްސަލައަކީ ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް އުފަންކޮށްފައިވާ މައްސަލައެއް ކަމަށް ބުނެފައިވާ ބުނުމަށް ކޮމިޓީން ބުރަދަނެއް ނުދޭ ކަމަށެވެ.

ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ބަންޑާރަ ނައިބު މި މައްސަލައާ ގުޅުވައި މަސައްކަތްކުރިކަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފާހަގަކުރުމުން ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ އެއީ ސުލޫކީ މައްސަލަ ކޮމިޝަނުން ބެލުމަށް ނިންމުމުން އެކަމުގެ ހިތްހަމަނުޖެހުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި މައްސަލައަށް ނުފޫޒު ފޯރުވުމަށް ބަންޑާރަ ނައިބު އުޅުއްވި ކަމަށް ބެލިޔަސް އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިނުވުމަކީ ފަނޑިޔާރު އަޒްމިރަލްދާ ސްކޫލާ ހިލާފަށް ކުރެއްވި ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

"ކްރިމިނަލް ކޯޓުގެ ގާޒީން ތަހުގީގަށް ދެއްވާފައިވާ ބަޔާންތަކުންވެސް ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެއްވެސް ނުފޫޒެއް ފޯރުވާފައިވާކަން ބަޔާންކޮށްފައިނުވާއިރު އެކަމަށް ކޮމިޓީން ރިއާޔަތްކޮށްފައިނެތެވެ" ވަކީލުންގެ ޓީމުން ބުންޏެވެ.

ވަކީލުންގެ ޓީމުން އިތުރަށް ބުނީ މީހަކަށް ކުރެވޭ ތުހުމަތެއް އެކިފަހަރު މަތިން އެކި ގޮތް ގޮތަށް ބަދަލުވުމަކީ ދިފާއުވުމުގެ އަސާސީ ހައްގަށް އެޅިގެންދާ ހުރަހެއް ކަމަށާއި ތަހުގީގު ކޮމިޓީން އަމަލުކޮށްފައިވަނީ ދިފާއުވުމުގެ އަސާސީ ހައްގާ ހިލާފަށް ކަމަށެވެ.

އަދި އިސްމާއިލް ލަތީފު ހައްޔަރުކުރި އިރު އޭނާ ހުރީ ބަރަހަނާ ހާލަތުގައި ނޫންކަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި ހެކިތަކުން އެނގެން އޮތް ނަމަވެސް ތަހުގީގު ރިޕޯޓުގައި ފުލުހުން އެ ތަނަށް ވަތްއިރު އިސްމާއިލް ލަތީފު އޮތީ ބަރަހަނާ ހާލަތުގައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުުން ހުށަހެޅި ހުރިހާ ކިތާބީ ހެއްކާއި ޝަފަހީ ހެކި ބަލައިނުގަތުމަށްވެސް ނިންމާފައިވާއިރު، އެ ނިންމުން ނިންމާފައިވަނީ އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަން އެނގެން ނެތް ކަމަށާއި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީކުރެވޭނެ ކަމަށް ބަޔާން ކުރުމަށްފަހު ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.