ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން އެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މާޗް 21 ވީ ހުކުރު ދުވަހުގެ ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ބައިވެރިވި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ތިން މީހުން ކަމަށްވާ 30 އަހަރުގެ ނަސްވަން އާދިލާއި 25 އަހަރުގެ އެޑްރިއަންސަޔާ އާއި 30 އަހަރުގެ މުހައްމަދު އިގްބާލް މަކްރޫމެވެ. އަދި އިންޑިއާގެ ރައްޔިތުން ކަމަށްވާ 35 އަހަރުގެ ޕްރަބާކަރަން ނަގަރާޖަން، 58 އަހަރުގެ ރޯމަންސް ސަންތިޔާ ފެނާންޑޯ، 22 އަހަރުގެ ގަނޭޝް ބޮމްމާލީ، 22 އަހަރުގެ ޑަތުކިލޭ ދަރްޝަން ވިޖޭ، 28 އަހަރުގެ ޕީޓާ ވިނީ އަދި 28 އަހަރުގެ ސަރަން ޕަދްމަންގެ އިތުރުން 30 އަހަރުގެ ގޯސިކް ރާޖް ޖޭމްސް ނޮކްސްއެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ރިވިއުކޮށް އިތުރުކުރުމަށް ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން މިދިޔަ އާދީއްތަ ދުވަހާއި އިއްޔެ ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ މުއްދަތު ޖެހުމުގެ އަޑުއެހުމުގައި އެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.