ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ، އަމިއްލަ މީހެއްގެ އަތުން ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މ. ސީވިންޑް/ ފުތިހަ ޝާކިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް ކޮށްދޭން އޭސީސީން އެދިފައިވަނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، 550,000.00 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާފުވުމުންނެވެ.

އޭސީސީން ވަނީ އޮޅުވާލައިގެން ހޯދި ފައިސާ ވެސް ދައުވާގެ ތެރެއިން ހޯދައިދިނުމަށް އެދިފައެވެ.