އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު މެޗުގައި ފަހުވަގުތު ފުލަމް ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވުލްވްސް ކައިރިން ބަލިވެއްޖެއެވެ.

ޗެލްސީން ފުލަމް ދަނޑުގައި 2-1 އިން މޮޅުވީ ފަހަތުން އަރައެވެ. ޗެލްސީ މޮޅުވި ގޯލު އެންމެފަހު މިނެޓުގައި ޖެހި އިރު، ރޭ ހޯދި ތިން ޕޮއިންޓާއެކު އެޓީމު އޮތީ ފަސްވަނައިގައެވެ.

ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮވެ، ސީޒަން ނިންމާލާ ޓީމަކަށްވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތެއް ލިބޭނެކަން ޔަގީންވެފައިވާ އިރު، ޗެލްސީ މިވަގުތު އޮތީ 33 މެޗުން 40 ޕޮއިންޓާއއެކުގައެވެ.

އެޓީމާއެކު ނޮޓިންހަމް ފޮރެސްޓާއި އެސްޓަން ވިލާގެ އިތުރުން މެންޗެސްޓާ ސިޓީއާއި ނިއުކާސަލްއިންވެސް ދަނީ ގަދަ ފަސް ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުންނެވެ.

ޗެލްސީއާއި ފުލަމް މެޗު ފެށިގެން ކުރީކޮޅުގައި ޗެލްސީގެ ނިކޮލަސް ޖެކްސަންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް ގޯލު ހުޅުވާ ލެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އަނެއްކޮޅަށް ލިބުނު ފުރަތަމަ ބޯޅައިގައި އެލެކްސް އިވޯބީ ފުލަމްއަށް ލީޑު ނަގައިދިނެވެ.

އެ ނަތީޖާއާއެކު މެޗުގެ ފަހުކޮޅަށް ދިޔަ އިރުވެސް ޗެލްސީއަށް އޮތީ ގޯލެއް ނުޖެހިއެވެ. އެހެން ނަމަވެސް، 83 ވަނަ މިނެޓުގައި އުމުރުން 19 އަހަރުގެ ޓައިރީގް ޖޯޖު ޖެހި ގޯލުގެ އިތުރުން އެންމެ ފަހު ވަގުތު ޕެޑްރޯ ނެޓީ ޖެހި ގޯލުން ޗެލްސީ މެޗު އަނބުރާލިއެވެ.

ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި އެޓީމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައި ވުލްވްސްގެ ގޯލު ޖެހީ ޕަބްލޯ ސަރާބިއާއެވެ.

އެ ގޯލާއެކު ޔުނައިޓެޑް ބަލުވެ، މިވަގުތު އޮތީ 14 ވަނައިގައެވެ. އެއީ 33 މެޗުން 38 ޕޮއިންޓާއެކުގައެވެ. އެ ހާލަތުގައި އޮތް ނަމަވެސް ރޭ ލެސްޓާ ސިޓީ ރެލިގޭޓްވުމާއެކު، ޔުނައިޓެޑަށް ވަނީ ރެލިގޭޝަނުން ސަލާމަތްވާނެކަމުގެ ޔަގީންކަން ލިބިފައެވެ.