ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމަށް ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ އޭދަފުށީގައި ފެށި އެ މަސައްކަތަކީ ކުށްމަދު، އަމާން މުޖުތަމައެއް ގާއިމުކޮށް، އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

"އެ މަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ،" ފުލުހުން ބުންޏެވެ.

ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުންނެވެ.