ލަކުޑި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް ދިޔަވާން ފެށުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީ އޭގައި ތިބި ހަތަރު މީހުން ސަލާމަތްތެރިކަމާއެކު ބ. އޭދަފުއްޓަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދޯނީގައި ތިބީ ހަތަރު މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެއްކަމަށާއި، އެ މީހުން ހާލު ރަނގަޅު ފުލުހުން ބުންޏެވެ.

އެ ދޯންޏަކީ މާލޭއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްކަމަށް ފުލުހުން ބުންޏެވެ.

ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނި ދިޔަވާން ފެށީ އެ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލުމުގެ ސަބަބުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 09:57 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

ދޯނި ސަލާމަތްކުރުމަށްޓަކައި އެ ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.