ބ. އޭދަފުށީގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް އިފްތިތާހުކޮށްފިއެވެ.

އޭދަފުށީގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެންވައިރަމަންޓް މިނިސްޓަރު އަލީ ޝަރީފް ބ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އޭދަފުއްޓަށްވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެންވައިރަމަންޓް މިނިސްޓްރީ ބުނީ 1.2 މެގަވޮޓްގެ ސޯލާ ޕީވީ އާއި 1.7 މެގަވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) އެކުލެވޭ ބީ އޭދަފުށި ހައިބްރިޑް ޕަވާ ސިސްޓަމް ތައާރަފް ކުރުމާއެކު އެރައިޒް ޕްރޮޖެކްޓް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.

އެ ނިޒާމުގެ ސަބަބުން އޭދަފުށީގެ ޑީސަލް ޖަނަރޭޓަރުތައް ދުވާލަކު ހަތަރު ގަޑިއިރަށް ނިއްވާލެވޭނެ އެވެ. އެ ކާމިޔާބީގެ ސަބަބުން އެރައިޒް ޕްރޮޖެކްޓްގައި ހިމެނޭ އެހެން ރަށްތައް ވަރަށް އަވަހަށް ގުޅާލައި، އިތުރު 11 މެގަވޮޓްގެ ސޯލާ ޕީވީ ނޭޝަނަލް ގްރިޑަށް އިތުރުވެގެންދާނެއެވެ.