ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު "އެޓޯލް ބިޒްނަސް އެކްސްޕޯ" ބ. އޭދަފުށީގައި ބާއްވަން ހަމަޖައްސައިފި އެވެ.

މާގިރި ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާނުކުރެއްވީ ހައިރައިޒް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މަރިޔަމް މައިޝާ އެވެ.

މި އެކްސްޕޯ އޭދަފުށީގައި ބޭއްވުމަށްޓަކައި، ހައިރައިޒްއާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލާ ދެމެދު ވަނީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މައިޝާ އެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓެރީ ޖެނެރަލް މުހައްމަދު އިކްރާމް އެވެ. އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައިޝާ ވިދާޅުވީ މި އެކްސްޕޯގެ ބޭނުމަކީ ވިޔަފާރިތަކާއި ލޯކަލް ބިޒްނަސްތަކާއި އަދި ރިސޯޓުތަކަށްވެސް އެކަމުން ފައިދާ ހޯދައިދިނުން ކަމަށެވެ.

"މި އިވެންޓް ކުރިޔަށްގެންދަން ނިންމާފައިވަނި ރޯދަމަސް ނިންމާފަ އީދު ޝޯއާއެއްކޮށް ހަ ރޯދަޔަށްފަހު ތިން ދުވަހަށް ދެމިގެންދާ ގޮތަށް." މައިޝާ ވިދާޅުވިއެވެ.

15 ފެބްރުއަރީ 2026: އެޓޯލް ބިޒްނަސް އެކްސްޕޯ ބ. އޭދަފުށީގައި ބާއްވަން ހަމަޖެއްސުމަށް ސޮއިކުރި ރަސްމިއްޔާތު --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

ސެކްރެޓެރީ ޖެނެރަލް އިކްރާމް ވިދާޅުވީ ބ. އަތޮޅަކީ ތަފާތު ކަންކަން ކުރުމަށް އިސްކަންދޭ ރައްޔިތުން ދިރިއުޅޭ އަތޮޅެއް ކަމަށާއި އެެހެން ކައުންސިލުތަކަށް ބ. އަތޮޅުން ދައްކަން ބޭނުންވަނީ އަތޮޅުތެރޭގައިވެސް ތަފާތު ގިނަ ބޮޑެތި ހަރަކާތްތައް ކުރިޔަށްގެންދެވިދާނެކަން ކަމަށެވެ. މި އެކްސްޕޯ އޭދަފުށީގައި ބޭއްވުމަކީ އެ އަތޮޅަށާއި އޭދަފުޓަށް ލިބޭ ބޮޑު ފަހުރެއް ކަމަށް އިކްރާމް ފާހަގަކުރެއްވިއެވެ.

"އުންމީދުކުރަނީ ކޮމިއުނިޓީއަށާއި އަތޮޅުގެ ވިޔަފާރިވެރިންނާއި މާލޭގައި ތިބި ބޮޑެތި ބްރޭންޑްތަކާ ވަރަށް ރަނގަޅު ގުޅުމެއް ގާއިމުވެ، ބ. އަތޮޅަކީ އިގްތިސޯދީ ގޮތުން ކުރިއެރުންތަކެއް ހޯދާނެ އަތޮޅެއް ކަމަށްވުން." އިކްރާމް ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ފާތިހް ވިދާޅުވީ، މި އެކްސްޕޯ ވީހާވެސް ފުރިހަމަ ކުރުމަށް އެކައުންސިލުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެކްސްޕޯގެ ޕާޓްނަރުންނަށް ދޭ ކަމަށެވެ.

މި އެކްސްޕޯގައި ބައިވެރިވާ ޕާޓްނަރުން:

  • މެއިން ސްޕޮންސާ އަދި ސިލްވާ ސްޕޮންސާ ބ. އޭދަފުށީ ރެޑް ސްޓާ
  • ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ
  • ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނާ މޯލްޑިވްސް މޫވްމެންޓްސް
  • ޓެކްނޮލޮޖީ ޕާޓްނަރަކަށް 'ފައި-އެސް ސިސްޓަމްސް'.
  • ޓެބްލޮއިޑް ޕާޓްނަރަކީ އައިލެންޑް ޗީފް

މި އެކްސްޕޯގައި ބައިވެރިވާ ފުރަތަމަ ކުންފުންޏަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ. ހައިރައިޒް އިން ބުނީ މިއެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލާފައިވާ ކަމަށެވެ.