އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ ބަލިކޮށް، ލީގު ނެގުމަށް އިތުރު ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ރޭ ލެސްޓާ ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލެސްޓާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ އިރު، ލިވަޕޫލަށް ލީގު ހޯދަން ބޭނުންވަނީ އެންމެ މޮޅެކެވެ.
ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލި ލީގު ނެގިފަހުން ލިވަޕޫލަށް އަދި ލީގު ތަށްޓެއް ނެގިފައި ނުވާ އިރު، ރޭގެ މެޗުންވެސް އެޓީމަށް ލީގު ނެގޭނެ ފުރުސަތެއް އޮތެވެ. އެެހެން ނަމަވެސް، އެއީ އާސެނަލުން ރޭ އިޕްސްވިޗާ ދެކޮޅަށް ކުޅެ ބަލިވި ނަމައެވެ.
އާސެނަލުން ރޭ ރަށުން ބޭރުގައި އިޕްސްވިޗް ކައިރިން މޮޅުވެ، ދެވަނައިގައި އޮތީ 33 މެޗުން 66 ޕޮއިންޓާއެކުގައެވެ. އެ އަދަދަށް މެޗު ކުޅެ ލިވަޕޫލުން ވަނީ 79 ޕޮއިންޓް ހޯދައިފައެވެ.
ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ ފަހު ވަގުތުގައެވެ. އޭގެ ކުރިން އެޓީމުން ހަމަލާތައް އުފެއްދި ނަމަވެސް، ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
ދާދިފަހުން ކްލަބާއެކު އެއްބަސްވުން އާކުރި މުހައްމަދު ސަލާހްގެ ދެ ހަމަލާއެއް ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، ސަލާހާއި ޑިއޭގޯ ޖޮޓާގެ ހަމަލާތައް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ.
މެޗު އެއްވަރުވާން ދަނިކޮށް ލިވަޕޫލަށް ގޯލު ޖަހައިދިނީ ބަދަލަކަށް ނުކުތް ޓްރެންޓް އެލެކްސެންޑާ އާނޯލްޑެވެ. އާނޯލްޑްގެ ގޯލާއެކު، ޖާޒީ ބާލައިގެން އުފާފާޅުކޮށްފައިވާ އިރު، މެޗަށްފަހު އޭނާ ބުނީ ކްލަބުގައި އިތުރަށް މަޑުކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މިދިޔަ ހަފުތާ ތެރޭގައި ރެއާލް މެޑްރިޑް ބަލިކުރި އާސެނަލުން ރޭ އިޕްސްވިޗް ބަލިކުރި މެޗުގައި ލެއާންޑްރޯ ޓްރޮސާޑް ދެ ގޯލު ޖެހިއެވެ. އަދި އަނެއް ގޯލުތައް ޖަހައިދިނީ އީތަން ނަވަނޭރީއާއި ގެބްރިއަލް މާޓިނެލީއެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު