ތިން މަސް ދުވަހުގެ އެއްބަސްވުމެއްގައި ގައުމީ ޓީމަށް ހެޑް ކޯޗެއް ހޯދަން އިއުލާނު ކޮށްފިއެވެ.
އެފްއޭއެމުން ރޭ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ގައުމީ ޓީމަށް ތިން މަސް ދުވަހަށް ކޯޗެއް ހޯދަން ބޭނުންވާ ކަމަށާއި މުސާރަ ދޭނީ ތަޖުރިބާ އާއި ކޮލިފިކޭޝަނަށް ބަލާފައި ކަމަށެވެ.
އޭގެ އިތުރުން އިއުލާނުގައި ވަނީ ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި، އޭއެފްސީ ނޫނީ ޔޫއެފާ ޕްރޯ ލައިންސަސެއް އޮތުން ނޫނީ އެ ފެންވަރުގެ ކޯޗިން ލައިސަންސެއް އޮތުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ގައުމީ ޓީމެއްގައި ނޫނީ އެ ނޫންވެސް ޕްރޮފެޝަނަލް ލެވެލް ޓީމަކަށް މަދުވެގެން ހަ އަހަރު ކޯޗުކަން ކޮށްދީފައި ވުންވެސް އެއީ ޝަރުތެއް ކަމަށް ކަނޑައަޅާފައިވެއެވެ.
އޭގެ އިތުރުންވެސް ލީގުތަކާއި އެހެނިގެން މަސައްކަތުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބެލޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެފްއޭއެމުން ބުނީ ކޯޗުގެ ޒިންމާގެ ގޮތުގައި ޓުވާޑް ފިއުޗާ ޕްރޮޖެކްޓަށް އެހީތެރިވެދިނުމާއި ފުޓުބޯޅައިގެ އޮނިގަނޑަށް އެހީތެރިވެދިނުން ހިމެނޭ ކަމަށެވެ.
މި މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ރާއްޖެއިން ކޯޗެއް ހޯދަން ވިސްނާފައިވަނީ ސާފް ޗެމްޕިއަންޝިޕަށެވެ. އަދި އެ މުބާރާތް ނިމުމާ ހަމައަށް އެއްބަސްވުން އެކުލަވާލަން އެފްއޭއެމުން ވަނީ ނިންމައިފައެވެ.
ގައުމީ ޓީމަށް އެންމެފަހުން ކޯޗުކަން ކޮށްދިނީ އަލީ ސުޒޭނެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝާއި އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއްގެ އިތުރުން އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗެއް، ފިލިޕީންސާ ދެކޮޅަށް ރާއްޖެއިން ވަނީ ކުޅެފައެވެ.
ސުޒޭން އެއްބަސްވުން ހަމަވުމުން ގައުމީ ޓީމު ދޫކޮށްލާފައިވާ އިރު، ސުޒޭންގެ ކުރިން ގައުމީ ޓީމަށް އިރުޝާދު ދިނީ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް