އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި އެވަޓަން ބަލިކޮށްފިއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި އެވަޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި ސިޓީ އުނދަގޫ ހާލަތެއްގައި އޮތް އިރު، ލީގުގައިވެސް އޭޓީމުން ވާދަކުރަމުން އަންނަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށެވެ.
ރޭގެ މެޗު ހޯދުމަކީ އެ މަސައްކަތަށް ލިބިގެން ދިޔަ ހިތްވަރެކެވެ. ސިޓީން ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 33 މެޗުން 58 ޕޮއިންޓާއެކުގައެވެ. މިވަގުތު ފަސްވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، ރޭ ކުޅުނު މެޗުން މޮޅުވެ އެސްޓަން ވިލާ އޮތީ ހަވަނައިގައެވެ. އެއީ 33 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީވެސް ގަދަ ފަހަކަށް ވާދަކުރަމުން އަންނައިރު، އެޓީމަށް 32 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ.
މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ސިޓީ ގޯލަކާ ކައިރިއަށް ޖެހިލިއެވެ. ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާ ރޮނގުމަތިން ކަހަލަ ގޮތަކަށް ދިފާއުކުރީ ޖޭކް އޮ ބްރައެން އެވެ.
އޭގެފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައި ސަވީނިއޯ ފޮނުވާލި ހަމަލާ އެވަޓަންގެ އިންގްލެންޑް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު މަތަކޮށް ބޭރުކޮށްލި އިރު، މެޗު ފަހުކޮޅާ ހަމައަށް ދިޔައީ އެއްވަރު ވާށެވެ.
އެހެން ދަނިކޮށް ސިޓީއަށް ނަސީބު ބަދަލުކޮށްލަދިނީ ފުލް ބެކް ނިކޯ އޮރެއިލޭ ޖެހި ގޯލުންނެވެ. އެއީ މަތެއަސް ނުނޭސް ކަނޑާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ސިޓީގެ ދެވަނަ ގޯލު ޖެހީ ބަދަލަކަށް ނުކުތް މަޓެއޯ ކޮވަސިޗެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު