ފުވައްމުލަކު ސިޓީގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ އެވެ.

ކަރަންޓުގައި ޖެހިގެން މަރުވެފައިވަނީ ފުވައްމުލަކު މީހަކާ ކައިވެނިކޮށްގެން އުޅޭ ރ. އަލިފުއްޓަށް ނިސްބަތްވާ އަބްދުﷲ ރިޝްދާން (27) އެވެ.

ފުވައްމަލަކުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ ރިޝްދާން ކަރަންޓުގައި ޖެހިފައިވަނީ މިއަދު މެންދުރު ރެސްޓޯރެންޓެއްގައި ކަރަންޓުގެ މަސައްކަތެއް ކުރަން ހުއްޓާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުންޏެވެ.

ފުލުހުން މިއަދު ބުނީ މިއަދު 12:11 އެހާކަންހާއިރު ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރުވީ ކަރަންޓުގައި ޖެހިގެންކަމަށް ފުލުހުން ނުބުނެއެވެ.

"މިހާތަނަށް ބެލި ބެލުމުން އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެން ވެއްޓިގެންކަން އެނގިފައިވޭ. އަދި އެ މީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައިވޭ" ފުލުހުން ބުންޏެވެ.

އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.