ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމުން، މޯލްޑިވްސް އިމިގްރޭޝަނުން އެކަން އަންގައި ޓްރެވަލް އެޑްވައިޒަރީ ނެރެފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހު ފާސްކުރުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ވަގުތުން ތަސްދީގުކުރައްވައިފައެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނީ، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުން މިއަދުން ފެށިގެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. އަދި އެޑްވައިޒަރީއާއެކު ވަނީ ގާނޫނަށް ގެނައި އިސްލާހު ވެސް އާންމުކޮށްފައެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އޭނާގެ ބިލުގައި ހުށަހަޅާފައިވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި "އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓްގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް)" ހިމަނަން އިމިގްރޭޝަން ގާނޫނުގެ އަށްވަަނަ މާއްދާގެ (ހ)ގެ ފަހަތަށް (7) ވަނަ ނަންބަރުގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

ނަމަވެސް ބިލްގެ ކޮމިޓީ މަރުހަލާގައި، މީކާއީލް އިސްލާހު ހުށަހެޅުއްވިގޮތް ބަދަލުކޮށް، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ނިންމުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި، އެ މައްސަލައަށް މަޖިލިސް ތަޅުމުގައި މިއަދު ކުރިއަަށްގެންދިޔަ ބަހުސަށްފަހު، މިއަދުގެ ޖަލްސާގައި ތިއްބެވި 84 މެންބަރުންގެ ތެރެއިން ވޯޓު ދެއްވައި 83 މެންބަރުންގެ އިއްތިފާގުން، އެ ގާނޫނަށް ކޮމިޓީން ގެނައި އިސްލާހު ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރިއެވެ.