ގަވާއިދާ ހިލާފުވާ ފަރާތްތައް 2000 ރުފިޔާއިިން ޖޫރިމަނާކުރަން ހިމަނައި، ރާއްްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި، ވައިގެ މަގުން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދު ފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވާއިދު އެކުލަވާލައި އާއްމުކޮށްފިއެވެ.

މި ގަވާއިދުގައި ބުނެފައި ވަނީ މިއީ ރާއްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި ވައިގެ މަގުން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު އެ މީހުން ރާއްޖެއަށް އައުމުގެ ކުރިން ނުވަތަ ރާއްޖެއިން ފުރުމުގެ ކުރިން މޯލްޑިވްް އިމިގްރޭޝަނަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެކުލަވައިލި ގަވާއިދެއް ކަމަށެވެ.

މި ގަވާއިދު އެކުލަވައިލުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުން ހިމެނެއެވެ. ބިދޭސީންގެ ތެެރެއިން ނުރައްކާތެރި ކުށްކުށާއި، އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުންހުރިކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުންކަމަށް މައުލޫމާތު ލިބިފައިވާ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމަށް މަގުފަހިވާނެ އިންތިޒާމެއް ހަމަޖެއްސުންވެސް ހިމެނެއެވެ.

އެ ގަވައިދުގެ ދަށުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތުގެ ތެރޭގައި ދަތުރުކުރާ ބޯޓުގެ މައުލޫމާތާއި، ފުރާ ދުވަހާއި ވަގުތާއި، ޖައްސާ ދުވަހާއި ގަޑިއާއި، ފަސިންޖަރުންގެ އަދަދު ހިމެނެއެވެ. ފަސިންޖަރުންގެ ނަމާއި ޖިންސާއި ގައުމާއި ޕާސްޕޯޓް ނުވަތަ އެފަދަ ލިޔެކިޔުމުގެ ނަންބަރު ހިމެނެއެވެ.

މީގެ އިތުރުން އެ ފަސިންޖަރެއްގެ ސީޓު ނަންބަރާއި، ދާގީނާގެ މައުލޫމާތާއި، ވިސާގެ މައުލޫމާތާއި އެ މީހާގެ ދާއިމީ އެޑްރެހުގެ އިތުރުން، އެ މީހަކު ދަތުރުކުރާ މަންޒިލެއްގެ އެޑްރެސް ވެސް އިމިގްރޭޝަނާ ހިއްސާކުރަން ޖެހެއެވެ.

އިމިގްރޭޝަނުން ވަނީ އެ މައުލޫމާތު ހިއްސާކުރާނީ އެ އިދާރާގެ އިތުރުން، ކަސްޓަމްސްއާ ކަމަށެވެ. އަދި، ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަން ޖެހޭ ހާލަތުގައި، އެ އިދާރާއަކާ ހިއްސާކުރާނެ ކަމަށް ގަވައިދުގައިވެއެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހިމަނާފައިވާ މި ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.