ފެނަކަ ކޯޕަރޭޝަންގެ ސައިޓުތަކަށް ދޫކޮށްފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު ސާތިޝް ސައީދު (ހަސީނީވިލާ، ސ.ފޭދޫ) އާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި އޭރު ހުރި މުހައްމަދު އާސިދު (ނިރޮޅުމާގެ، ތ.ތިމަރަފުށި) އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ހުސައިން އާސިރު (ފަޅޯމާގެ، ސ.ފޭދޫ) ގެ މައްޗަށެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިގެ އައްޑޫ ސިޓީ، ސ. ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް، އަހުމަދު ސާތިޝް ސައީދާއި މުހައްމަދު އާސިދު އަދި ހުސައިން އާސިރު ބޭނުންކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ އެ މައްސަލައިގައި، 623,208.80 ރުފިޔާ އަނބުރާ ހޯދުމަށް ކޮމިޝަނުން ފެނަކައަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭތީ، އެކަން ތަހުގީގުކޮށްދިނުމަށް ފުލުހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން