އައިސްޕްލާންޓު ގަތުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓު ފެނަކައަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި، އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭސީސީން ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ކުރީގެ އެމްޑީ، ގދ. ވާދޫ، މައިފޫނާ، އަހުމަދު ސައީދު މުހައްމަދުގެ އިތުރުން އޭރުގެ ޗީފް އެކައުންޓެންޓް ރ. އުނގޫފާރު، ހިންމިޔާ، މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

އޭސީސީން ބުނީ ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓު ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓާނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުން ހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.

އަދި މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ސައީދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތުދީފައި ކަމަށް އޭސީސީން ބުންޏެވެ.

"މިގޮތުން، ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ދޮގު މައުލޫމާތުދީފައިވެއެވެ..،" އޭސީސީން ބުންޏެވެ.

އޭގެ އިތުރުން އައިސްޕްލާންޓުގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް އަގަށްވުރެ މަތީ އަގެއްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށާއި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލުކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް އަގު ހޯދުމުގެ މަސައްކަތްނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އިތުރަށް ބުނީ ސައީދާއި މަސްއޫދުގެ މައްޗަށް ދެ ކުށެއްގެ ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.