ނ. މަނަދޫގައި ހަތަރު މަޝްރޫއެއް ފެށުމަށް، ބޭނުންވާ ސާމާނުތައް މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ މަނަދޫގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ މައިގަނޑު ހަތަރު ޕްރޮޖެކްޓެއް ހިންގަން އެ މަޝްރޫއުތައް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް، ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ތަރައްގީކުރުމާއި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމާއި އައުޓްޑޯ ޖިމެއް ތަރައްގީކުރުން އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

3000 މީހުންގެ އާބާދީއެއް އޮންނަ މަނަދޫގައި އެ މަޝްރޫއުތައް ފުރިހަމަވުމުން އެ ރަށުގެ ރައްޔިތުންގެ އާންމު ހިދުމަތުގެ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް މުޖުތަމައުގައި ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.