ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އޭނާގެ ބިލުގައި ހުށަހަޅާފައިވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި "އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓްގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް)" ހިމަނަން އިމިގްރޭޝަން ގާނޫނުގެ އަށްވަަނަ މާއްދާގެ (ހ)ގެ ފަހަތަށް (7) ވަނަ ނަންބަރުގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައިގެން އެ ޕާޓީގެ ސުޕަ މެޖޯރިޓީން އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ 10 ޖޫން 2024 ގައެވެ. މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ގޮތެއް ނިމި އެންމެ ގިނަ ދުވަސް ވަންދެން އޮތް މައްސަލައަކީ މި މައްސަލައެވެ.

މި މަސައްކަތް އަވަސް ކުރުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ވެސް މީގެ ކުރިން ވަނީ ގޮވާލައިފައެވެ. އަދި އެ ބިލުގެ މަސައްކަތް ލަސްވަމުންދާ މައްސަލައިގައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ވަނީ އެތައް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

މި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ކަމާއި ގުޅުން ހުރި ދާއިރާތަކާ ކޮމިޓީން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެ ޕާސްޕޯޓްގައި އެތެރެވުން މަނާކުރަން ތާއީދު ކުރި ނަމަވެސް އަނެއް ބަޔަކު ވަނީ އިޒްރޭލް ޕާސްޕޯޓް އެއްކޮށް މަނާކުރުމަށް ދެކޮޅު ހަދައިފައެވެ،

މި މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު 9:30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލަށް ހުށަހަޅާގައިވާ އިސްލާހު ބަދަލުކުރަން އިމިގްރޭޝަނުން ހުށަހަޅާފައިވާ ގޮތް އިދާރީ މޭޒުން އިއްވިއެވެ.

އިމިގްރޭޝަނުން ކޮމިޓީއަށް ހުށަހަޅާގައިވާ އިސްލާހުގައި ވަނީ، ރާއްޖެ އެތެރެވުމުގެ ހުއްދައަށް އެދި އިޒްރޭލް ޕާސްޕޯޓް ހުށަހަޅާ މީހުން އެތެރެވުން މަނާކުރުމަށް ގާނޫނުގައި ހިމެނުމަށެވެ.

ސަބަބެއް ކަމަށް އިމިގްރޭޝަނުން ބުނެފައި ވަނީ، ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ފަރާތެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ ރާއްޖެ އެތެރެވުމަށްޓަކައި އެ ފަރާތަކުން އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓް ކަމަށް ވެފައި ރާއްޖެ އެތެރެވުމަށް އަންނަ އެއްވެސް ފަރާތަކީ ދެ ގައުމެއްގެ ރައްޔިތުކަން (ޑުވެލް ސިޓިޒަންޝިޕް) ލިބިފައިވާ ފަރާތެއްކަން އިމިގްރޭޝަންއަށް ކަށަވަރު ކުރެވެން ނޯންނާނެތީއެވެ.

މިހާރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް އެކަން ތަންފީޒު ކުރެވޭނެ ކަމަށް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ބިލަށް ބަދަލު ގެންނަ މަގުސަދު އިމިގްރޭޝަންގެ އިހުތިސާސްގެ ތެރެއިން ހާސިލުކުރުމުގެ ބޭނުމަށްޓަކައި ބިދޭސީ ފަރާތަކީ ރާއްޖެ އެތެރެ ވުމުގެ ހުއްދަ ނެތް ފަރާތެއް ކަމަށް ކަނޑައެޅުމަށްޓަކައި ބިލަށް އިސްލާހު ހުށަހެޅީ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ހުށަހެޅި އިސްލާހަށް ތާއީދު ކުރުމުގެ ބަދަލުގައި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ކޮމިޓީގައި ވިދާޅުވީ، ކޮމިޓީގައި އެ މައްސަލަ ދިރާސާ ކުރަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. މިއީ ރާއްޖޭގެ އިގުތިސާދާއި މުޅި ގައުމާއި ރައްޔިތުންނާ ގުޅިލާމެހިގެން ކުރިއަށްގެންދާ މައްސަލައަކަށްވާތީ އެ މައްސަލަ ކޮމިޓީ ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކަމަކީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މައްސަލައެއްކަމުން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމާ ހަމައަށް އިސްރޭލް ޕާސްޕޯޓްގައި އެއްވެސް ފަރާތެއް ރާއްޖެ އެތެރެވިޔަ ނުދީ މަނާކުރުމަށް ޝާޑް ހުށަހެޅުއްވިއެވެ.

ޝާޑްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، މި މައްސަލަ ކޮމިޓީން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށާއި ކަމާއި ގުޅުން ހުރި ފަރާތްތަކާވެސް ކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތުތަކުގެ އަލީގައި މި ވަގުތަށް މި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުން ކަމަށް ފެންނާތީ ޝާޑްގެ ހުހެޅުއްވުމަށް ތާއީދު ކުރެއްވީ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ކޮމިޓީގެ ލައިވް ކަނޑާލައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށްފަހު، ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެ އިސްލާހުގައި އޮތް "ދައުލަތް" މައްސަލައިގައި ކުޑަ ތައާރަޒެއް އުޅޭތީ، ބަންޑާރަ ނާއިބާ (އޭޖީ) އާ މަޝްވަރާ ކުރެއްވުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށް 2:00ގައި ކޮމިޓީ ބައްދަލުވުމެއް ބާއްވުމަށްޓަކައި ކޮމިޓީ ބައްދަލުވުން ނިންމާލައްވާ ކަމަށެވެ.

"އިޒްރޭލް ޕާސްޕޯޓް މި އޮތީ މަނާކުރާ ގޮތަށް، ދެން މީ "ގައުމު" އެގޮތަށް އޮތް މައްސަލައިގައި ކުޑަކުޑަ ތައާރަޒުވުމެއް އެބަ އުޅޭ، އެހެންކަމުން އެކަމަށް ގޮތެއް ނިންމުމަށްފަހު، ބިލުގެ މަސައްކަތް ނިންމާލަން 2:00 ގައި ކޮމިޓީ ބައްދަލުވުމެއް މި ބައްވަނީ، އެ ބައްދަލުވުމަށް ހުރިހާ ބޭފުޅުން ވަޑައިގެންދެއްވުން އެދެން،" ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ސަލީމް ވިދާޅުވިއެވެ.

އެއަށްފަހު 2:00 ގައި ކޮމިޓީ ބައްދަލުވުން ފެއްޓެވުމަށްފަހު، އަނެއްކާވެސް އެ މައްސަލައާ ގުޅޭ ގޮތުން ހުށަހެޅުންތައް ހުށަހެޅުއްވުމަށް ސަލީމް ފުރުސަތު ހުޅުވައިލެއްވިއެވެ. އެ ފުރުސަތުގައި ގާނޫނުގެ އަށްވަނަ މާއްދާގެ (ނ)ގެ ފަހަތަށް (ރ)ގެ ގޮތުގައި އަކުރެއް އިތުރުކުރަން ޝާޑް އަނެއްކާވެސް ހުށަހެޅުއްވިއެވެ.

މިކާއީލް ހުށަހެޅުއްވި ބިލުގައި އޮތް ގޮތް ބަދަލުކޮށް، އޭނާ ހުށަހެޅުއްވީ 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.